ރާއްޖޭގެ ރިޔާސީ ގަނޑުވަރު މުލިއާގޭގައި ބޭނުން ކުރުމަށް ހާއްސަ ކުރެވިފައިވާ އުލާއި ސަމުސަލެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އަމިއްލަ ފަރާތަކަށް ހަދިޔާއަށް ދިނުމުން އެ މައްސަލަ އޭސީސީއަށް ހުށަޅައިފި އެވެ.
އޭސީސީއަށް އަމިއްލަ ފަރާތަކުން ހުށަހަޅާފައިވާ ސިޓީގައި ބުނީ މިދިޔަ ރަމަޟާން މަހު މުލީއާގޭގައި އޮތް ރޯދަ ވީއްލުމެއްގައި ބައިވެރިވި ފަރާތަކަށް ރައީސުލްޖުމްހުރިއްޔާ އުލަކާއި ވަޅިއަކާއި ސަމުސަލެއް ހަދިޔާކުރަށްވާފައިވާކަމަށެވެ. އަދި މުލީއާގޭގެ ލޯގޯ ކަނޑާނަގާފައިވާ މިތަކެއްޗަކީ ދައުލަތުގެ މުދަލަށްވާއިރު، އެގޮތަށް އަމިއްލަ ފަރާތަކަށް ދައުލަތުގެ މުދަލެއް ދިނުމަކީ ދިވެހިރާއްޖޭގެ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނުގެ 14 ވަނަ މާއްދާގެ (ހ) ގެ ދަށުން ކުށެއް ކަމަށް އޭނާ ހުށައެޅި މައްސަލައިގައި ވެއެވެ.
ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނުގެ 14 ވަނަ މާއްދާގެ (ހ) ގައި ވަނީ ސަރުކާރުގެ އެއްވެސް އެއްޗެއް އެއްވެސް މީހެއްގެ އަމިއްލަ ފައިދާއަށްޓަކައި ނުވަތަ އާމްދަނީއެއް ހޯދުމަށްޓަކައި ސަރުކާރުގެ ގަވާއިދާއި ހިލާފަށް ބޭނުން ކުރުމަކީ ކުށެއް ކަމަށެވެ. އަދި ސަމުސަލާއި އުލާއި، ވަޅިއަކީ މާއްދީ ގޮތުން އަގު ބޮޑު ތަކެތި ކަމުގައި ނުވި ނަމަވެސް، އެ ތަކެއްޗަކީ ދިވެހިރާއްޖޭގެ ރިޔާސީ ގަނޑުވަރުގައި ބޭނުން ކޮށްފައިވާ ތަކެތި ކަމަށްވެފައި އަދި ރިޔާސީ ގަނޑުވަރުގެ ލޯގޯ އެތަކެތީގައި ކަނޑާ ނަގާފައިވުމުން، މުސްތަޤުބަލުގައި އެތަކެތީގެ އަގު ވަރަށް ބޮޑުވާނެކަމަށްވެސް މިސިޓީގައި ފާހަގަކޮށްފައިވެއެވެ.
އޭސީސީއަށް ހުށަހެޅި ސިޓީގައި ވަނީ މި މައްސަލަ ބަލައި އެ ތަކެތި އަނބުރާ ހޯދުމަށް އެދިފައެވެ. އަދި ޖިނާއީ ދައުވާއެއް އެކަމުގައި ކުރަންޖެހޭ ނަމަ އެކަން ކުރަންވެސް އެދިފައިވެއެވެ.
މިކަމާއި ގުޅޭގޮތުން ރައީސް އޮފީހުން މިހާތަނަށް އެއްވެސް އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.