މާލޭގައި މަގުމަތީގައި ހިނގާފައި ދިޔަ ދިވެހި އަންހެނެއްގެ އަތުން ފޯނެއް ފޭރިގަތް ބިދޭއަކު ހައްޔަރުކޮށްފިއެވެ.
މީސްމީޑިއާގައި ދައުރުވަމުންދާ ވީޑިއޯ އަކުން ފެންނަ ގޮތުގައި، ކަޅުކުލައިގެ ޓީޝާޓެއް ލައިގެން ހުރި އެ ބިދޭސީ މީހާ ދިޔައީ، އުމުރުން ދުވަސްވީ ދިވެހި އަންހެނެއްގެ ފަހަތުން، އެ އަންހެން މީހާގެ ހަރަކާތްތަކަށް ފާރަވެރިވަމުން މަޑުމަޑުން ހިނގާފައެވެ.
އާދައިގެ ވަރަކަށް ހިނގާފައި ދިޔަ އެ އަންހެން މީހާއަގެ އަތުގައި އޮތް ފޯނު، ދަނޑިވަޅު ބަލައިފައި ޖަހައިގަނެ އެ ދެ މީހުން ވެސް ހިނގަމުންދިޔަ ފަރާތް ނޫން އަނެއް ފަރާތަށް ދުއްވައިގަންނަ މަންޒަރު އެ ވީޑިއޯއިން ފެނެއެވެ.
މި މައްސަލައާ ގުޅޭގޮތުން ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ، ބޮޑުރަސްގެފާނު މަގުގައި ހުންނަ ގަލޮޅު ސެންޓްރަލް މާޓު ކައިރިން ދިޔަ އަންހެނެއްގެ ފޯނު ފޭރުނު މައްސަލަ މިއަދު މެންދުރުފަހު 3:19 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.
މި މައްސަލައިގައި ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އުމުރުން 28 އަހަރުގެ ކުލްދީޕް ސިންހް ނަމަކަށް ކިޔާ މީހަކު ހައްޔަރުކޮށް، އަންހެން މީހާގެ ފޯނު ހޯދާފައިވާ ކަމަށް، ފުލުހުން ބުންޏެވެ.
ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހްގީގުކުރަމުންނެވެ.
ރާއްޖޭގައި ވައްކަމާއި ފޭރުމުގެ މައްސަލަތައް އިންތިހާއަށް އިތުރުވެފައިވާއިރު، މިފަދަ ކުށްތަކުގައި ބިދޭސީން ފެންނަ މިންވަރު މަދު ނަމަވެސް، މަސްތުވާތަކެއްޗާއި އެހެނިހެން ބައެއް ކުށްތަކުގައި ބިދޭސީންގެ ބައިވެރިވުން އޮންނަ މިންވަރު ވެސް ވަނީ އިތުރުވެފައެވެ.
ފަހުގެ ތާރީޚެއްގައި، ރޯމާއި ދުވާލު، އެންމެންގެ ކުރިމަތީގައި މިފަދަ ފޭރުމުގެ ކުށެއް ބިދޭސީއެއްގެ ފަރާތުން ފެނިފައިވާކަމަކަށް ނުބެލެވެއެވެ.



