ބަންގްލަދޭޝްގެ އަލަމްގީރާއެކު އެއްޖިންސުން ގުޅުންހިންގިކަމަށް ތުހުމަތު ކުރެވޭ 18 މީހެއްގެ ޕާސްޕޯޓު ހިފަހައްޓައިފި އެވެ.
އަލަމްގީރާއެކު ދިވެހިންތަކެއް އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯތަކެއް ލީކުވެފައިވާއިރު އެ ވީޑިއޯތައް ބޭނުންކޮށްގެން ބައެއްމީހުން ބްލެކްމެއިލް ކުރަމުންދާ މައްސަލަތަކެއް ފުލުހުން ދަނީ ބަލަމުންނެވެ.
ފުލުހުން މިއަދު ބުނީ އެމައްސަލައާ ގުޅިގެން މިހާތަނަށް 18 މީހެއްގެ ޕާސްޕޯޓު ހިފަހައްޓާފައިވާ ކަމަށެވެ. އަދި ފުލުހުންގެ ބަންދުގައި މިވަގުތު ތިބީ 3 މީހުން ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
ގިނަ އަދަދެއްގެ ދިވެހިންނާއެކު އެއްޖިންސުން ގުޅުންހިންގި މައްސަލާގައި ހައްޔަރު ކޮށްފައިވާ ބަންގްލަދޭޝްގެ ރައްޔިތެއްކަމަށްވާ އަލަމްގިރި އާއެކު ގުޅުން ހިންގިކަމަށް ތުުހުމަތުކުރެވޭ ދަޢުލަތުގެ ގިނަ އިދާރާތަކެއްގެ މުވައްޒަފުންތަކަކަށް މިހާރުވަނީ ފިޔަވަޅު އަޅައި މަޤާމުން ސަސްޕެންޑް ކޮށްފައެވެ.
އަލަމްގިރިއާއެކު އެއްޖިންސުން ގުޅުން ހިންގި މީހުންގެ އަދަދު 200 އިން މަތީގައި އުޅޭކަމަށް މަޢުލޫމާތު ލިބޭއިރުއިރު އޭގެ ތެރެއިން ބައެއް މީހުން ފުލުހުން ވަނީ ހައްޔަރު ކޮށްފައެވެ. އަދި ބައެއް މީހުންގެ ޕާސްޕޯޓްވެސް ވަނީ ހިފަހައްޓާފައެވެ.
އެ މައްސަލާގައި ހިމެނޭ އިތުރުމީހުން ދެނެގަތުމުގެ މަސައްކަތްވެސް ފުލުހުން ދަނީ ކުރަމުންނެވެ.