ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީ އެމްޑީޕީގެ ޗެއަރޕާސަންގެ އިންތިހާބް ބޯމަތިވެފައިވާއިރު، މިއަންނަ ހޮނިހިރު ދުވަހު ނަގާ ވޯޓަށް ފަހު ރާއްޖޭގެ ސިޔާސީ މަސްރަހަށް ބޮޑެތި ބަދަލުތަކެއް އައިސް މުޅިން އާ ޗާޓެއްް ކުރެހިގެންދާނެ ކަމަށް މަސްރަހް ދިރާސާ ކުރާ ފަރާތްތަކުން ބުނެ އެވެ.
ވާދަވެރި އިންތިހާބްގައި ކޮންމެ ކެޑިޑޭޓެއް މޮޅުވި ނަމަވެސް ސިޔާސީ މަސްރަހްގެ ތަރާދު މުޅިން އެހެން މިސްރާބަކަށް އަމާޒު ހިފާނެކަން ޔަގީނާއި ގާތަށް ކަށަވަރެވެ. ރައީސް މުހައްމަދު ނަސީދުގެ ތާއީދާއި އެކު މަޖިލިސް މެމްބަރު އިމްތިޔާޒު ފަހުމީ ވާދަ ކުރައްވާއިރު، ރާއީސް ސޯލިހްގެ ތާއީދާއި އެކު ވާދަ ކުރައްވަނީ މުޅި ސަރުކާރުގެ ނުފޫޒު ގަދަ މިނިސްޓަރ ފައްޔާޒު އިސްމާއިލެވެ.
މުޅި ސަރުކާރުގައި ހިމެނޭ އެމްޑީޕީގެ ހުރިހާ މިނިސްޓަރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ މެމްބަރުންނާއި ދައުލަތުގެ ކުންފުނިތަކުގެ އެމްޑީންނާއި އެމްޑީޕީގެ ގައުމީ މިޖިލިސް އެކީ ކަހަލަ ގޮތަކަށް ތާއީދުކޮށް ކެމްޕޭން ކުރަމުންދަނީ މިނިސްޓަރު ފައްޔާޒަށެވެ. އެހެން ގޮތަކަށް ދަންނަވަނީ ނަމަ މުޅި ދައުލަތް އޮތީ ފައްޔާޒަށް އަރިވެފަ އެވެ. އެރަށަކަށް ބޭނުންވާ މަސްރޫއުތަކާއި އެމީހަކަށް ބޭނުންވާ ވަޒީފާތައް ވެސް ހަމަޖެހިގެން ދަނީ ފަސޭހަކަމާއި އެކުގަ އެވެ.
މަޖިލީހްގެ ނައިބް ރައީސާއި އެމްޑީޕީގެ ނައިބް ރައީސާއި މަދު މެމްބަރުން ކޮޅަކާއި އެކު ރައްޔިތުންގެ ގާތުން ދޮރުން ދޮރަށް ހިނގަމުންދާ އިމްތިޔާޒު ފަހުމީގެ ކެމްޕޭންގައި ނުފޫޒު ގަދަ ބޭފުޅުން ނެތް ނަމަވެސް އެމަނިކުފާންވެސް އޮތް ތާއީދާއި މަދަދުވެރިކަން ކުޑައެއް ނޫނެވެ. އެމްޑީޕީގެ މެމްބަރުންގެ މެދުގައި އިމްތިޔާޒަށް އޮތް ލޯތްބެއް ކުޑައެއް ނޫނެވެ.
ކެމްޕޭންގެ ފޯރި އިންތިހާއަށް ގަދަވެ ވޯޓުލުން ކުޑަތަންވެފައިވާއިރު، ދެ ބޭފުޅުންގެ ކެމްޕޭން ސްޓެޓިޖީ މުޅިން ތަފާތެވެ. ނުފޫޒު ގަދަ މިނިސްޓަރ ފައްޔާޒުގެ ޓީމުން ބާރާއި ނުފޫޒުގެ ކެމްޕޭނެއް (ޕަވަރ ޕޮލިޓިކްސް) ކުރަމުންދާއިރު މެމްބަރ އިމްތިޔާޒުގެ ޓީމުން ކުރަމުންދަނީ ރައްޔިތުމީހާ ގާތުން ހިތާ ހިތުގެ (ގްރާސްރޫޓް) ކެމްޕޭނެވެ.
ސާދަ ވަނަ ދުވަހު ނަގާ ވޯޓު ފައްޔާޒު އިސްމާއިލްގެ ކޮޅަށް ބުރަވެއްޖެނަމަ ސަރުކާރުގައި އެމަނިކުފާނުގެ ބާރާއި ނުފޫޒު އިންތިހާއަށް އިތުރުވެގެންދާނެ އެވެ. އަދި އަންނަ ރިޔާސީ އިންތިހާބަށް ރައީސް މުހައްމަދު ނަޝީދު ދެކެމުންދާ ހުވަފެން މުޅިންހެން ފުޑުފުޑުވެގެންދާނެ އެވެ. އަދި ޕާޓީގެ މަތީ ފަޑި ރައީސް ނަސީދަށް ތާއިދު ނެތްތާގައި އާއްމް މެމްބަރުންގެ ތާއީދު ނެތި އެމަނިކުފާނުގެ ސިޔާސީ ތަރީގެ އަލި ފަޑުވެގެންދާނެ އެވެ. އަދި އިތުރު ދައުރެއް ރައީސް ކަމުގައި ހުންނަން އެދޭ ރައީސް ސޯލިހަށް ވަރަށް ބޮޑު އުންމީދެއް އާވެގެންދާނެ އެވެ.
ދައުލަތުގެ އެންމެހާ ބާރުތަކާއި އެކު ނުފޫޒުގަދަ މިނިސްޓަރު ފައްޔާޒަށް އިންތިހާބް ނާކާމިޔާބްވެ އިމްތިޔާޒު މޮޅުވެއްޖެނަމަ މުޅި ސަރުކާރު ގަންނާނެ ލަދާއި އެކަމުން ސަރުކާރު ކުޑަކަކުލައް ތިރިވެގެންދާނެ ގޮތް މިހާރުވެސް ލޯމައްޗައް ފެންނަމުންދާ ކަހަލައެވެ. އަދި މިފަދަ ބާރާއި އެކު އިންތިހާބް ކާމިޔާބް ނުކުރެއްވިއްޖެނަމަ މިނިސްޓަރު ފައްޔާޒުގެ ސިޔާސީ ގާބިލު ކަމާއި މެދު ރައީސް ސޯލިހް ސުވާލު އުފައްދާ މިހާރު ފައްޔާޒަށް ދެއްވާފައިވާ ބާރުވެރިކަން އެހެން މީހަކަށް ބަދަލުކުރުމަކީ ޔަގީނާއި ގާތަށް ކަށަވަރުކަމެކެވެ.
މިއަންނަ ހޮނިހިރު ދުވަހު ނަނގާ ވޯޓު ކޮންމެ ގޮތަކަށް އެބުރުނު ނަމަވެސް ރާއްޖޭގެ ސިޔާސީ މަސްރަހަށް އިންތިހާއަށް ބޮޑު އިންގިލާބީ ބަދަލުވެރިކަމެއް އަންނާނެ އެވެ.