އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލްއާ އިދިކޮޅަށް މަސައްކަތް ކުރެއްވުމަކީ ކުރެއްވުނު ގޯސްކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ރައީސްގެ މަގާމުގައި ވެސް ހުންނެވި ނަޝީދު އެ ޕާޓީގެ ގައުމީ މަޖިލީސް މެމްބަރުންގެ ވަޓްސްއެޕް ގްރޫޕެއްގައި ވިދާޅުވީ ފައްޔާޒްއާ އިދިކޮޅަށް ދެން ނާރުއްވާނެ ކަމަށެވެ. ބޭނުންފުޅު ވަނީ އެކުގައި ކުރިއަށް ވަޑައިގަތުމަށް ކަމަށް ވެސް ވިދާޅުވި އެވެ.
”އެއް ފަހަރު [މަޖިލިސް މެމްބަރު ހުސެއިން ޝަހީމް] ހުސެއިން އަޅުގަނޑު ލައްވާ އެކަން ކުރުވި. އެއީ އަޅުގަނޑަށް ކުރެވުނު ގޯސް ކަމެއް,“ ނަޝީދު ވިދާޅުވި އެވެ.
އެމަނިކުފާނުގެ ވިސްނުންފުޅު ބަދަލުވެ ފައްޔާޒްއާ އެކުގައި ހުންނެވި ކަމަށް ވިދާޅުވި އިރު, އެމްޑީޕީގެ ތެރޭގައި ”ބްރޯ ހެދިގެން“ އުޅުއްވަނީ ކަމަށް ކުރިން ފައްޔާޒަށް ވަރަށް ބޮޑަށް ނަޝީދު ފާޑުވިދާޅުވެފައިވެ އެވެ. އަދި މިނިސްޓަރު ކަމުން ވަކިކުރެއްވުމުގެ މަސައްކަތުގައި ވެސް އިސްކޮށް އުޅުއްވާފައިވެ އެވެ. އެކަމަކު ފަހުން ވިދާޅުވީ އެއީ ޕާޓީ ތެރޭގައި ހިނގައިދިޔަ ސިޔާސީ މަސައްކަތެއް ކަމަށެވެ.
އޭގެ ފަހުން، ޗެއާޕާސަންގެ އިންތިހާބުގައި ވެސް ނަޝީދުގެ ފެކްޝަނުން ބޮޑެތި ތުހުމަތުތަކެއް ފައްޔާޒަށް ކޮށްފައިވެ އެެވެ.
އެކަމަކު އިންތިހާބު ކާމިޔާބު ކުރެއްވުމުން ނަޝީދު ވަނީ އެމްޑީޕީގެ އޮފީހުގައި ފައްޔާޒްއާ ބައްދަލުކުރައްވައިފަ އެވެ.
ފައްޔާޒްއާ އެކުގައި ހުންނެވި ކަމަށް ނަޝީދު މިއަދު ވިދާޅުވީ އެމްޑީޕީގެ ގްރޫޕް ތެރޭގައި ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ކުރެއްވި ޝަކުވާއަކާ ގުޅިގެންނެވެ. އޭނާގެ ކަންބޮޑުވުމަކަށް ވީ އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު (އިބްރޭ) ކޮންގްރެސްގައި އިސްކޮށް އުޅުއްވުމެވެ.
ވެރިކަން ހިންގުން ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް އެމްޑީޕީގެ ކޮންގްރެސްގައި ނިންމަން ގަރާރު ހުށަހެޅުއްވުމަށް ފަހު ބަރުލަމާނީ ކެމްޕޭން މެނޭޖަރަކަށް ނަޝީދު ހަމަޖައްސަވާފައި ވަނީ އިބްރޭ އެވެ. ޗެއާޕާސަންގެ އިންތިހާބުގައި ފައްޔާޒްގެ ކެމްޕޭން މެނޭޖަރަކަށް ހުންނެވި އިބްރޭ ވަނީ ނަޝީދުގެ ހުށަހެޅުން ގަބޫލު ވެސް ކުރައްވައިފަ އެވެ.