އިންޑިޔާ އައުޓް ކެމްޕޭނަށް ޒަމީރު ތާއީދު ކުރައްވައިފި.
ދެންމެ | 11 މެއި 2022

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ކުރިއަށް ގެންދާ ”އިންޑިއާ އައުޓް“ ހަރަކާތަށް އެމްޑީޕީގެ މައްޗަށްގޮޅި މެދު ދާއިރާގެ ކައުންސިލް އަހްމަދު ޒަމީރު ހިތްވަރު ދެއްވައިފި އެވެ.

މާލެ ސިޓީ ކައުންސިލްގެ މިއަދުގެ ޖަލްސާއަށްފަހު ޒަމީރު ވަނީ ”އިންޑިއާ އައުޓް“ ޖަހާފައިވާ ކަރުދާހެއް ހިއްޕަވައިގެން އިންނަވާ ފޮޓޯ ނަންގަވާފަ އެވެ. އަދި ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހީމް ޝުޖާއު ވަނީ އެ ފޮޓޯ ޓްވީޓް ކުރައްވާފަ އެވެ. ޝުޖާއު ވިދާޅުވީ އިންޑިއާ އައުޓް ހަރަކާތަށް ޒަމީރު ތާއީދު ކުރައްވާފައިވާ ކަމަށެވެ.

މިފޮޓޯއާއި ގުޅިގެން އަވަސް އިން މިއަދު ޒަމީރަށް ގުޅުމުން ވިދާޅުވީ އެކަމަށް ވަކި އެއްޗެއް މިވަގުތު ދަންނަވަން ބޭނުން ނުވާ ކަމަށެވެ. އިންޑިއާ އައުޓް ހަރަކާތަށް ތާއީދު ކުރައްވަންތޯ ތަކުރާރުކޮށް އެހުމުން ވެސް އެ ހަރަކާތަށް ތާއީދު ނުކުރައްވާ ކަމަކަށް ވިދާޅުވާން ބޭނުންފުޅެއް ނުވި އެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޭބުމަށް ގޮވާލައި އިދިކޮޅުން ތައްޔާރު ކުރި ޕެޓިޝަންގައި ވެސް ޒަމީރު މީގެކުރިން ސޮއި ކުރައްވާފައިވެ އެވެ.

މާލެ ސިޓީ ކައުންސިލްގެ ބައްދަލުވުންތަކުގައި ވެސް ޒަމީރު ގެންދަވަނީ ސިޓީ ކައުންސިލްގެ މަސައްކަތްތަކަށް ސަރުކާރުން އެއްބާރުލުން ނުދޭ ކަމަށް ވިދާޅުވެ އެމްޑީޕީގެ ސަރުކާރަށް ތަކުރާރުކޮށް ފާޑުވިދާޅުވަމުންނެވެ.

ޒަމީރު ސަރުކާރަށް ފާޑުވިދާޅުވާތީ މީގެކުރިން ބަޔަކު ވަނީ އޭނާ މަގުމަތިން ހުއްޓުވާ ހަމަލާ ދިނުމަށްވެސް މަސައްކަތް ކޮށްފަ އެވެ.

އިންޑިއާ އައުޓް ހަރަކާތަށް ޒަމީރު ހިތްވަރު ދެއްވާފައިވާއިރު އޭނާ ތަމްސީލް ކުރައްވާ މައްޗަށްގޮޅި މެދު ދާއިރާގެ މަޖިލިސް މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަކީ އިންޑިއާ އައުޓް ހަރަކާތާ އެންމެ ބޮޑަށް ދެކޮޅު ހައްދަވާ ބޭފުޅާ އެވެ.

އެމްޑީޕީގެ ރައީސްގެ ހައިސިއްޔަތުން ރައީސް ނަޝީދު މީގެކުރިން ވަނީ އިންޑިއާ އައުޓް ހުއްޓުވައިދިނުމަށްވެސް ދައުލަތުގެ އިދާރާތަކަށް ގޮވާލައްވާފަ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!