ލަންކާގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ރަނިލް އާއި ގޮތާބަޔާ ބައްދަލުކުރެއްވީ ކޮލަމްބޯގައެވެ. ނަމަވެސް ބައްދަލުވުން ބޭއްވީ ސީދާ ތަނެއް އަދި ހާމަކޮށްފައެއް ނުވެއެވެ.
މި ބައްދަލުވުމުގައި ލަންކާގެ ހާލަތު ގޯސްވުމާއިއެކު އެޤައުމު އަމާން މަޤަކަށް ގެންދިޔުމަށްޓަކައި ގުޅިގެން މަސައްކަތްކުރުމަށްޓަކައި ބޭއްވުނު މަޝްވަރާ ބައްދަލުވުމެއް ކަމަށް ނޫސްތަކުން ރިޕޯޓްކޮށްފައި ވެއެވެ.
އެގޮތުން މި ބައްދަލުވުމުގައި އެޤައުމުގެ އައު ބޮޑުވަޒީރަކަށްވުމަށް ރަނިލް އަށް ފުރުސަތު ދެއްވާނެ ކަމަށް ވަރަށް ބޮޑަށް ބެލެވެއެވެ. ނަމަވެސް މި ބައްދަލުވުމާއި ގުޅޭގޮތުން ދެބޭފުޅުންގެ ވެސް ރަސްމީ ބަހެއް އަދި މިހާތަނަށް ލިބިފައެއް ނުވެއެވެ.
ލަންކާގެ ހާލަތު ވަރަށް ބޮޑަށް ވަނީ ގޯސްވެފައެވެ. ލަންކާގެ އެކި ހިސާބުތަކުގައި ހަމަނުޖެހުންތައް ފެށުނީ، އެޤައުމުގެ ކުރީގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސައާ ހޯމަ ދުވަހު ހެނދުނު ބައްދަލުކުރެއްވި ސްރީލަންކާ ޕޮޑުޖަނާ ޕެރަމުނާ (އެސްއެލްޕީޕީ)ގެ ސަޕޯޓަރުން، ޓެމްޕަލް ޓްރީސްގެ ބޭރުގައި އަދި ކޮލަމްބޯގައި ހުންނަ ގޯލްފޭސް ގްރީންގައި ސަރުކާރާ ދެކޮޅަށް ސުލްހަވެރި މުޒާހަރާކުރަމުންދިޔަ މީހުންނަށް ހަމަލާދީނުމާއި ގުޅިގެންނެވެ.
އެ ހަމަނުޖެހުންތަކާއި ގުޅިގެން މަހިންދަ ރާޖަޕަކްސަ ވަނީ ލަންކާގެ ބޮޑުވަޒީރުކަމުން އިސްތިއުފާ ދެއްވާފައެވެ. އަދި އެގައުމުގެ ރައީސް، ވަނީ މަހިންދަ ހުށަހެޅުއްވި އިސްތިއުފާ ގަބޫލުކޮށް އެގައުމުގެ ގެޒެޓުގައި އެކަން މިހާރު ވަނީ އާންމުކޮށްފައި ކަމަށްވެސް މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!