ޑްރަގްގައި ޖެހި ދައުލަތް ފެއިލްވެއްޖެ: މޭޔަރ ނިޒާރު
ދެންމެ | 27 އޯގަސްޓް 2022

މަސްތުވާތަކެތީގެ މައްސަލަ އަށް ހައްލު ހޯދުމުގައި މުޅި ދައުލަތް ފެއިލްވެފައިވާ ކަމަށް އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.

ނިޒާރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލަ އަށް ހައްލެއް ނުލިބި، ރާއްޖެ ހަލާކުވެ ނިމެނީ ކަމަށާއި މިކަމުގައި މުޅި ދައުލަތް ފެއިލްވެފައިވާ ކަމަށެވެ.

”ރައްޔިތުން ގޮތް ހުސްވެ ގާނޫނު އަތަށް ނަގަން ފަށައިފި. ހައްލަށް އޮރް ހުރަހެއް ބުނެ ނުދެވޭ. ވީމާ ޒިންމާ ނަގާނެ ބަޔަކު ތިބެން ވާނެ.“ ނިޒާރު ވިދާޅުވި އެވެ.

ނިޒާރު މިހެން ވިދާޅުވިއިރު މި ސަރުކާރުގެ ވޭތުވެދިޔަ ތިން އަހަރުތެރޭ ތިން ޓަނުގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށާ ޑްރަގާ ދެކޮޅަށް އެންމެ ކާމިޔާބު މަސައްކަތްތަކެއް ކުރެވުނީ މި މުއްދަތުގައި ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ވިދާޅުވެފަ އެވެ.

މިއަހަރަށް ރައްޔިތުންގެ މަޖިލީސް ހުޅުވުމުގެ ގޮތުން ދެއްވި ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވީ މަސްތުވާ ތަކެއްޗަކީ އޭގާ ވަރަށް ބޮޑު ފަހަތެއް އޮންނަ އިންތިޒާމްވެ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ބޮޑު ވިޔަފާރި އެއް ކަމަށާ އެދޮރުތައް ބަންދުކޮށް އެވިޔަފާރި ހުއްޓުވުމަކީ އިންތިހާ އަށް ގޮންޖެހުން ބޮޑު ކަމެއް ކަމަށެވެ.

މަސްތުވާ ތަކެއްޗާ ދެކޮޅަށް ރާއްޖޭގެ ފުލުހުންނާއި ކަސްޓަމްސް އަދި ކަމާގުޅޭ މުއައްސަސާ ތަކުން އެންމެ ބޮޑު ކާމިޔާބީއެއް ހޯދީ މިދިޔަ ތިން އަހަރު ކަމަށް ރައީސް ވިދާޅުވި އެވެ. އެގޮތުން ތަފާތު 330 އޮޕަރޭޝަނަކުން ޖުމްލަ 3.1 ޓަނަށްވުރެ ގިނަ ޑްރަގް އަތުލައިގެންފައިވާއިރު މި ތަކެތީގެ މަގުމަތީ އަގު 1.2 ބިލިއަން ރުފިޔާއަށް ވުރެ ގިނަ ކަމަށް ރައީސް ވިދާޅުވި އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!