ފުލުހުންގެ ތަހުގީގުގައި އަލަމްގީރް ބުނެފައިވަނީ އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ވީޑިއޯ ކޮށްފައިވަނީ ބްލެކްމެއިލް ކުރަން ނޫން ކަމަށާއި އެ ވީޑިއޯތަކާ ގުޅިގެން އެއްވެސް މީހަކަށް ގުޅާފައިނުވާނެ ކަމަށެވެެ. އަލަމްގީރު ބުނީ ފޯނުން ވީޑިއޯ ކުރީ އެ ވީޑިއޯތައް ބަލައިގެން ހިތްހަމަޖެއްސުމަށް ކަމަށެވެ.
އަލަމްގީރު ބުނީ ފަހުން އެ ވީޑިއޯތައް ފޯނުން ޑިލީޓް ކޮށްފައިވާ ކަމަށާއި އެ ވީޑިއޯތައް ޑިލީޓް ކޮށްލީ އޭނާ ގެންގުޅުނު މީހާ ނުވަތަ ސަޕްޕްލައި ދޯނީގެ ވެރިމީހާއަށް އެހެން ފޯނަކުން އޭނާގެ ބަރަހަނާ ފޮޓޯތަކެއް ފެނިގެން އެކަމާ ރުޅިއައިސް ރަށަށް ފޮނުވާލަން ބުނުމުން ކަމަށެވެ. އަދި އޭގެ ފަހުން އޭނާ އެއް ޖިންސުން ގުޅުން ހިންގުން ހުއްޓާލައި ތައުބާވެފައިވާ ކަމަށް އަލަމްގީރު ތަހުގީގުގައި ވަނީ ބުނެފައެވެ.
އަދި ފޯނުން ވީޑިއޯތައް ޑިލީޓް ކުރުމަށްފަހު އެ ފޯނު ދަބަހަކަށް ލާފައި ބޭއްވި ކަމަށާއި، އެ ވީޑިއޯތައް ލީކުވެގެން ފޯނު ކޮބައިތޯ ބެލިއިރު ދަބަހުގައި ފޯނު ނެތްކަމަށް އަލަމްގީރް ބުނެފައިވެއެވެ. ވީޑިއޯތައް ލީކުކޮށްލީ އޭނާގެ ފޯނު ވަގަށް ނެގި މީހުން ކަމަށް އަލަމްގީރު ތަހުގީގުގައި ވަނީ ބުނެފައެވެ.
އަލަމްގީރުގެ ބަޔާނުގައިވާ ގޮތުން އަލަމްގީރް ރާއްޖެ އައިސްފައިވަނީ 2018 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ވެއިޓަރެއްގެ ވަޒީފާ އަދާކުރުމަށެވެ. ނަމަވެސް އޭނާ ފަހުން މަސައްކަތް ކުރީ ސަޕްލައި ދޯންޏެއްގައެވެ.
އަލަމްގީރުގެ ބަޔާނުގައި ބުނެފައިވާގޮތުން އޭނާއާ އެއް ޖިންސުން ގުޅުން ހިންގި މީހުންނާ ދިމާވީ އެޕްލިކޭޝަނެއް މެދުވެރިކޮށް ކަމަށެވެ. އެ އެޕްލިކޭޝަން ބޭނުން ކުރަން ފަށާފައިވަނީ ބަންގުލަދޭޝްގައި ހުރިއިރު ކަމަށާއި އޭނާއަކީ އުމުރުން 10 އަހަރުން ފެށިގެން އެއް ޖިންސުން ގުޅުން ހިންގާ މީހެއް ކަމަށް އޭނާ ބުނެފައިވެއެވެ.
އަލަމްގީރް ބަޔާނުގައި ބުނާގޮތުން އޭނާ 45 އާއި 50 އާ ދެމެދުގެ އަދަދެއްގެ މީހުންނާއެކު ގުޅުން ހިންގައި ވީޑިއޯކޮށްފައިވެެެއެެވެ.
އަލަމްގީރުގެ ބަޔާނުގައި ބުނީ އެއް ފަހަރަށްވުރެ ގިނަ ފަހަރު ނާޒިމް ސައްތާރާއެކު ގުޅުން ހިންގި ކަމަށާއި ނާޒިމް އޭނާއަށް ހަދިޔާ ދޭކަމަށެވެ. އަދި ކުރީގެ މެމްބަރު ނަޝީދާއެކު ދެ ފަހަރެއްގެ މަތިން ގުޅުން ހިންގި ކަމަށާއި، އަބްދުއްރަހުމާން ރަފީއުއާއެކު އެއް ފަހަރު ގުޅުން ހިންގާފައިވާ ކަމަށް އަލަމްގީރް ބުނެފައިވެއެވެ.
އަލަމްގީރުގެ ބަޔާން ލީކުވެފައިވާއިރު ކްރިމިނަލް ކޯޓުން ވަނީ އޭނާގެ ޝަރީއަތް ފެށުމަށް މާދަމާއަށް ތާވަލުކޮށްފައެެވެ. އެ ޝަރީއަތް ސިއްރު ޝަރީއަތެއްގެ ގޮތުގައި ކުރިއަށް ގެންދިޔުމަށް ކޯޓުން ވަނީ ނިންމާފައެވެެ.
އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި އަލަމްގީރް ހައްޔަރުކޮށްފައިވަނީ މިދިޔަ މަހުގެ 12 ވަނަ ދުވަހުއެވެ. އަލަމްގީރާއެކު އެއް ޖިންސުން ގުޅުން ހިންގި މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު ނާޒިމް އަބްދުއްސައްތާރާއި ޑީއާރުޕީގެ ކުރީގެ ލީޑަރު އަދި މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދާއި ފުލުހުންގެ ޑީއީޑީގައި މަސައްކަތްކުރި އަބްދުއްރަހުމާން ރަފީއު ވެސް ވަނީ ހައްޔަރުކޮށްފައެވެ. އެ ތިން މީހުން ބަންދުން ދޫކޮށްފައިވާ އިރު، އެމީހުންނަށް ދައުވާކުރަން ފުލުހުން މިހާރު ވަނީ ފޮނުވާފައެވެެ.
އަލަމްގީރު ފުލުހުންގެ ތަހުގީގަށް ދިން ބަޔާން ޝޯޝަލް މީޑިޔާގައި މިރޭ ވަނީ ލީކޮށްލާފައެވެ. އަދި އެއީ ސައްހަ ބަޔާނެއްކަން ކޮމިޝަނާ އޮފް ޕޮލިސް މީޑިޔާ އަކަށް ދެއްވާފައިވާ ބަސްދީގަތުމުން ކަށަވަރުވެއެވެ.
ގުޅުންހުރި ލިޔުންތައް