މިއީ ގެއްލެމުންދާ އިތުބާރު ހޯދަންޖެހޭ ވަގުތު: އިއްތި
ދެންމެ | 12 މެއި 2022

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން 2023 ވަނަ އަހަރުގެ ރިޔާސީ ރޭސް ކާމިޔާބު ކުރާން ބޭނުންނަމަ ޕާޓީއާއި މެދު ގެއްލެމުންދާ އިތުބާރު މިހިނދުން މިހިނދަށް ހޯދަންޖެހޭ ކަމަށް އެ ޕާޓީގެ ޗެއާޕާސަން އިންތިޚާބުގައި ވާދަކުރަށްވާ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.

އިންތި މިހެން ވިދާޅުވީ، ރާއްޖޭގެ އަމިއްލަ ޓީވީ ޗެނަލެއްކަމަށްވާ ރާއްޖެ ޓީވީއިން މިރޭ ކުރިއަށްގެންދިޔަ ”ޗެއަރޕާސަން ބަހުސް 2022″ގައި އަންނަ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު އެމްޑީޕީއަށް ކާމިޔާބު ކުރުމަށް ކުރާންޖެހޭ އެންމެ އަވަސް މަސައްކަތަކީ ކޮބައިތޯ ކުރިމަތިކުރި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

”އެންމެ މުހިންމީ އިތުބާރު، ޕާޓީއާއި މެދު ގެއްލެމުންދާ އިތުބާރު އަލުން ހޯދުން، ޕާޓީ ވިއްސިވިހާލިވެ ހަލާކުވެގެންދާ ދިޔުން އެކަތި ގަނޑަކަށް ހެދުން، މިހިނދުން މި ހިނދަށް މިސިކުންތުން ކުރަންޖެހޭނެ ކަމެއް، އަލުން އަނބުރާ އެ ޖޯޝާއި ފޯރި ޕާޓީގެ ތެރެއަށް ގެންނަންޖެހޭ“ އިންތި ވިދާޅުވިއެވެ.

އަނެއްކަމަކީ އެމްޑީޕީން ވެފައިވާ ވަޢުދުތައް ތަންފީޒު ކުރުންކަމަށާއި، އެކަން ކުރެވެންޖެހޭނެ ކަމަށް އިންތި ވިދާޅުވިއެވެ.

”މަރުތައް ބެލެންޖެހޭނެ، ކޮރަޕްޝަން ބެލެންޖެހޭނެ، ސްޓްރެޓެޖިކް އެކްޝަން ޕްލޭން ޞަފްޙާ 23 އިން 97 އަށް ވަޒީރާ ހަވާލުކުރެވިފައިވޭ މަސްއޫލިއްޔަތުތަކެއް، ވަރަށް ލަސްވެފައި ވަނީ، މުއްދަތު ގޮސްފައި ވަނީ އެކަން ވަޒީރުކުރައްވާ ކަމުގައިވާނަމަ މިޕާޓީއަށް އިތުބާރު އަޅުގަނޑު އަނބުރާ ހޯދައިދޭނަން،“ އިންތި ވިދާޅުވިއެވެ.

”އޭރުން ހަމަ މަނިކުފާނާއެކުގައި މަނިކުފާނު އެހެން ޕާޓީއަކަށް ވެސް ވަޑައިގަތުމުގެ ފުރުޞަޠު ނުދެއްވައި އަޅުގަނޑުމެން އެއްކޮށް އިރާދަކުރެއްވިއްޔާ އެމްޑީޕީގެ ކެންޑިޑޭޓަކަށް އިންތިޚާބު ކާމިޔާބުކޮށް ދެވޭނެ“ ސުވާލުގެ ޖަވާބު ނިންމާލައްވަމުން އިންތި ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!