ފަޅުތައް ނުހިއްކިއަސް ރާއްޖޭ ރައްޔިތުން ދިރިއުޅޭހާ ބިން ލާމްގައި އެބަ އޮތް، ތަރައްގީ ކޮށްދީ: ލާމް ރައީސް
ދެންމެ | 11 ސެޕްޓެމްބަރ 2022

ފަޅުތަކާއި ފިނޮޅުތައް ހިއްކުމުގެ ބަދަލުގައި ތަރައްޤީގެ މަޝްރޫތައް، ބިމުގެ ގޮތުން ތަނަވަސް ރަށްތައް ކަމަށްވާ ލާމު އަތޮޅުގެ ރަށްތަށް ތަރައްގީ ކޮށްދިނުމަށް އަތޮޅު ކައުންސިލްގެ ރައީސް އިސްމާއީލް އަލީ ގޮވާލައްވައިފި އެވެ.

މިހާރު ލ. ގަމުގައި ކުރިޔަށްދާ ވިއަވަތި ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން ލ. އަތޮޅު ރައީސް، އިސްމާއީލް އަލީވަނީ ބިންބޮޑެތި ރަށްތަކުގެ ބޭނުން ނުހިފާ، ފަޅުތައް ހިއްކާތީ އެކަމާ ކަންބޮޑުވުންފާޅު ކުރައްވާފައެވެ.

އިސްމާއިލް ވިދާޅުވީ، ބޮޑެތި ބިންތައް އޮއްވާ، ތިމާވެށި ހަލާކުކޮށްލައިގެން ރަށްތައް ހިއްކުމުގެ ބޭނުމަކީ ކޮބައިތޯ ސުވާލު އުފައްދަވާފައެވެ.

”ލާމު އަތޮޅުގައި އެބައޮތް ބިންބޮޑު ރަށްރަށް. އެތަނުގައި އިމާރާތް ކުރެވޭނެ، މަސައްކަތް ވެސް ކުރެވޭނެ. ފަޅުތައް ހިއްކުމާ އަޅުގަނޑު ދެކޮޅު“ އިސްމާއީލް ވިދާޅުވިއެވެ.

ލާމު އަތޮޅު ގަމަކީ ބިމުގެ ގޮތުން ރާއްޖޭގެ އެންމެ ބޮޑު ރަށެވެ. އެރަށް އޮންނަނީ އިތުރު ތިން ރަށާއި ކޯޒްވޭއަކުން ގުޅުވާލައިފައެވެ.

ލާމު އަތޮޅުގެ ރަށްތައް އެކި ފަރާތްތަކަށް އެކި ބޭނުމަށް ދީފައިވާތީ ވެސް އިސްމާއީލް އަލީ ވަނީ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ. މިގޮތުން ސިފައިންގެ ބޭނުމަށް ދޫކޮށްފައި އޮތް ކަޅައިދުއާއި، އެގްރޯއަށް ދޫކޮށްފައި އޮތް މީހުން ބޭލުމަށްފަހު ފަޅުކުރި ގާދޫގެ ވާހަކަ ފާހަގަ ކުރެއްވިއެވެ. އަދި އިންޓަގްރޭޓެޑް ޓޫރިޒަމެއް ހިންގުމަށް އެމްއައިޓީޑީސީއަށް މީގެ އަހަރު ތަކެއް ކުރިން ދޫކޮށްފައިވާ ގަމު ކައިރީ އޮންނަ ފަޅު ރަށެއް ކަމަށްވާ ބަރެސްދޫގެ މަސައްކަތް ނުހިނގާތީ ވެސް ކަންބޮޑުވުން ވަނީ ފާޅު ކުރައްވާފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!