ފާއިތުވި 24 ގަޑިއިރު ތެރޭ އީރާނުން އެމެރިކާގެ އެންމެ ކުރިއަރާފައިވާ ހަތަރު ރާޑަރު ސިސްޓަމަށް ހަމަލާދީފި
ދެންމެ | 08 މާރޗް 2026

ސަރަޙައްދުގައި ހުރި އެމެރިކާގެ މިސައިލް ދިފާޢީ ނިޒާމުތަކަށް އަމާޒުކޮށް އީރާނުގެ އަސްކަރިއްޔާއިން ދިން ބަދަލުހިފުމުގެ ހަމަލާތަކެއްގައި، އެމެރިކާގެ އެންމެ ކުރިއަރާފައިވާ ހަތަރު ރާޑަރު ސިސްޓަމެއް ހަލާކުކޮށްލައިފިއެވެ.

 

ޚާތަމުލް އަންބިޔާ ސެންޓްރަލް ހެޑްކުއާޓާސްގެ ތަރުޖަމާނު ލެފްޓިނަންޓް ކާނަލް އިބްރާހީމް ޒުލްފަގާރީ އާދީއްތަ ދުވަހު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ދުރު ރާސްތާގެ އަމާޒުތައް ދެނެގަތުމުގެ ގާބިލުކަން ލިބިފައިވާ ”ޓާމިނަލް ހައި އެލްޓިޓިއުޑް އޭރިއާ ޑިފެންސް“ (ތާޑް) ގެ އެންމެ ޒަމާނީ ހަތަރު ރާޑަރު ޔުނިޓެއް، ފާއިތުވި 24 ގަޑިއިރު ތެރޭގައި ހަމަލާދީ ސުންނާފަތިކޮށްލާފައިވާ ކަމަށެވެ.

 

އޭނާ ވިދާޅުވި ގޮތުގައި މި ރާޑަރުތައް ގާއިމުކޮށްފައި ހުރީ އަލް-ރުބާ، އަލް-ރުވައިސް، އަލް-ޚަރްޖް އަދި އަޒްރަގްގަ އެވެ.

 

ތަރުޖަމާނު އިތުރަށް ވިދާޅުވީ، މި ރާޑަރު ސިސްޓަމްތަކަކީ އެމެރިކާ އާއި އިޒްރޭލުން ގުޅިގެން ހިންގާ މިސައިލް ދިފާޢީ ނިޒާމަށް ބޭނުންވާ ޖާސޫސީ މައުލޫމާތު ވަގުތުން ވަގުތަށް ފޯރުކޮށްދެމުންދިޔަ ވަސީލަތްތަކެއް ކަމަށެވެ.

 

އެ ބަޔާނުގައި ބުނެފައިވަނީ، ދުޝްމަނުންގެ ”އާލީ ވޯނިންގް“ ނުވަތަ ދުރާލާ އިންޒާރުދޭ ނިޒާމަށް ލިބުނު ބޮޑެތި ގެއްލުންތަކާ ގުޅިގެން، އިޒްރޭލުން ހިފާފައިވާ ބިންތަކުގައި މިހާރު އިންޒާރުގެ ރަނގަބީލު އަޅަނީ މިސައިލްތައް އައިސް އަމާޒަށް އަރާ ވަގުތު ކަމަށެވެ.

 

މީގެ އިތުރުން، އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރު.ޖީ.ސީ) ގެ ޕަބްލިކް ރިލޭޝަންސް އޮފީހުން ވަކިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އީރާނުގެ ހުޅަނގު ސަރަޙައްދުގެ ވައިގެ ސަރަޙައްދަށް ވަތް އިޒްރޭލުގެ ކުރިއަރާފައިވާ ޑްރޯނެއް، އެ ގައުމުގެ ވައިގެ ދިފާޢީ ނިޒާމުން ހުއްޓުވައި ހަލާކުކޮށްލާފައިވާ ކަމަށެވެ.

 

އެ ބަޔާނުގައިވާ ގޮތުން، ”ހާމީސް 900“ މަރުކާގެ މި ޑްރޯން ވައްޓާލާފައިވަނީ އީރާނުގެ އިންޓަގްރޭޓެޑް އެއާ ޑިފެންސް ނެޓްވޯކްގެ ދަށުން ހަރަކާތްތެރިވާ ޒަމާނީ ވައިގެ ދިފާޢީ ނިޒާމުތަކުން އެ އުޅަނދު ދެނެގަނެ، އޭގެ ހަރަކާތްތަކަށް ފާރަވެރިވުމަށްފަހުގައެވެ.

 

އެމެރިކާ އާއި އިޒްރޭލުން ގުޅިގެން ފެބްރުއަރީ 28 ވަނަ ދުވަހު އީރާނަށް ދިން އަސްކަރީ ހަމަލާއެއްގައި، އެ ގައުމުގެ ރޫޙާނީ ލީޑަރު އާޔަތުﷲ ސައްޔިދު އަލީ ޚާމަނާއީ އާއި އަސްކަރިއްޔާގެ އިސް ކޮމާންޑަރުންތަކެއް ވަނީ އަވަހާރަކޮށްލާފައެވެ.

 

އެ ހާދިސާއަށްފަހު، އެމެރިކާ އާއި އިޒްރޭލުން ދަނީ އީރާނުގެ އެކި ސަރަޙައްދުތަކަށް ޓެރަރިސްޓް ހަމަލާތައް ދެމުންނެވެ. މި ހަމަލާތަކުގައި އަސްކަރީ މަރުކަޒުތަކުގެ އިތުރުން ސްކޫލްތަކާއި ހޮސްޕިޓަލްތައް ފަދަ އާންމުންގެ އުމްރާނީ ވަސީލަތްތަކަށް އަމާޒުކޮށްފައިވާއިރު، މިހާތަނަށް 1,200 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

 

އީރާނާ ދެކޮޅަށް ހަމަލާދިނުމަށް އެމެރިކާއިން ބޭނުންކުރާ ސަރަޙައްދީ ގައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް، އީރާނުގެ އަސްކަރިއްޔާއިން ދަނީ ފުލުފުލުން މިސައިލާއި ޑްރޯން ހަމަލާތައް ފޮނުވަމުންނެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!