އެމެރިކާގެ އަސްކަރީ މަރުކަޒުތައް ބަންދު ކުރޭ، ނޫނީ ހަމަލާ ދޭނަން: އީރާނުގެ އާ ލީޑަރު
ދެންމެ | 13 މާރޗް 2026

މެދުއިރުމަތީ ސަރަހައްދުގައި ހުރި އެމެރިކާގެ ހުރިހާ ބޭސްތަކެއް ވަގުތުން ބަންދު ކުރަން ޖެހޭ ކެމަށާއި، އެހެން ނޫނީ އެތަންތަނަށް ހަމަލާ ދޭނެ ކަމަށް އީރާނުގެ އާ ރޫހާނީ ލީޑަރު އާޔަތުﷲ މުޖުތަބާ ޚާމަނާއީ ވިދާޅުވެއްޖެއެވެ.

މަގާމާއި ހަވާލެވަވަޑައިގެންނެވުމަށް ފަހު ފުރަތަމަ ފަހަރަށް ދެއްވި ބަޔާނެއްގައި މުޖުތަބާ ވިދާޅުވީ، މެދުއިރުމަތީ ސަރަހައްދުގައި ހުރި އެމެރިކާގެ ހުރިހާ ބޭސްތަކެއް ވަގުތުން ބަންދު ކުރަން ޖެހޭ ކެމަށާއި، އެހެން ނޫނީ އެތަންތަނަށް ހަމަލާ ދޭނެ ކަމަށެވެ.

މެދުއިރުމަތީގެ އެކި ސަރަހައްދުތަކުގައި އެމެރިކާ ސިފައިން ތިބޭ 19 މައި ސަރަހައްދެއް ނޫނީ ބޭސްއެއް ހުރެއެވެ. އެތަންތަނުގެ ތެރެއިން ދާއިމީ ތަންތަނުގެ ގޮތުގައި 10 ތަނެއް ހިމެނޭއިރު، މިތަންތަނުގައި 40،000 އާއި 50،000 އާ ދެމެދުގެ އަދަދަކަށް ސިފައިން ތިބެއެވެ. މި ސައިޓްތައް ހުންނަނީ ބަހްރެއިން، ކުވައިތު، ގަތަރު، ސައުދީ އަރަބިއްޔާ، އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ9، އިރާގު، ޖޯޑަން އަދި މިސްރު ފަދަ ގައުމުތަކުގައެވެ.

އެމެރިކާ އާއި އިސްރާއީލުން އީރާނަށް ހަމަލާ ދޭން ފެށި ފަހުން، އީރާނުން ދަނީ ބަދަލު ހިފުމުގެ ގޮތުން މި ގައުމުތަކުގައި ހުންނަ އެމެރިކާގެ އަސްކަރީ ތަންތަނަށް ހަަމަލާތައް އަމާޒު ކުރަމުންނެވެ.

މި ވައިގެ ހަމަލާތަކުގައި އަވަހާރަކޮށްލި އީރާންގެ ކުރީގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީގެ ދެވަނަ ދަރިކަލުން މުޖުތަބާ މިއަދު ދެން ވިދާޅުވީ، އީރާނުގެ ދުޝްމަނުންނަށް ޕްރެޝަރު ކުރުމުގެ ގޮތުން ހޮރްމޫޒް ކަނޑުއޮޅި ބަންދު ކުރަން ނިންމާފައިވާ ކަމަށެވެ.

”މަރާލި އަޅުގަނޑުމެންގެ މީހުންގެ ލޭގެ ބަދަލު ހިފާނަން،“ ޚާމަނާއީ ވިދާޅުވިއެވެ.

އޭނާގެ ވާހަކަފުޅުގައި ވަނީ އީރާނުގެ އަސްކަރިއްޔާއަށް ޝުކުރު އަދާކުރައްވައެވެ.

އޭނާ ވިދާޅުވާ ގޮތުގައި އީރާނަށް ހަމަލާތައް ދެމުން ދާއިރު، އެ ގައުމުގައި ބައިބައިވުން ހުއްޓުވައިފިއެވެ.

”ގައުމަށް ޕްރެޝަރު ކުރިމަތިވެފައިވާ މި ދަނޑިވަޅުގައި ވަރަށް ރަނގަޅު މަސައްކަތްތަކެއް ކުރަމުން އަންނަ ހިތްވަރުގަދަ ހަނގުރާމަވެރިންނަށް ޝުކުރު އަދާކުރަން،“ އޭނާ ވިދާޅުވިއެވެ.

މި ހަނގުރާމައިގައި ޒަހަމްވި މީހުންނަށް ހިލޭ ބޭސްފަރުވާ ދޭނެ ކަމަށާއި، މި ހާލަތުން އަރައިގަތުމަށް ޖެހޭނީ ގެއްލުން ލިބުނު މީހުންނަށް މާލީ ބަދަލު ދޭން ކަމަށްވެސް ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!