ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު 106 އަށް އުފުލިއްޖެއެެވެ.
އެމެރިކާ އާއި އިސްރާއީލް ގުޅިގެން އީރާނަށް ދެމުން އަންނަ ހަމަލާތަކާ ގުޅިގެން މި މަހުގެ ތިން ވަނަ ދުވަހު އީރާންގެ ރިވޮލިއުޝަނަރީ ގާޑް ފޯސްއިން ވަނީ ހޮރްމޫޒް ކަނޑުއޮޅި ބަންދު ކުރިކަން އިއުލާނުކޮށްފައެވެ. އެއާއި އެކީ ތެލުގެ އަގު އިންތިހާއަށް އުފުލިގެންދާނެ ކަމަށް އޮތީ ކުރިންވެސް ބެލެވިފައެވެ.
ހަކަތައާއި ބެހޭ ތަޖުރިބާކާރެއް ކަމަށްވާ އެޑް ހާސް ބުނީ އީރާނާއި ދެކޮޅަށް އެމެރިކާއާއި އިސްރާއީލުން ދޭ އަސްކަރީ ހަމަލާތަކުގެ ސަބަބުން ތެލުގެ ސަޕްލައި ހުއްޓުމަކަށް އައިސްފިނަމަ، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އިންތިހާއަށް އުފުލިގެންދާނެ ކަމަށެވެ.
މިއާއެކު، މި އަދަދު 106 ޑޮލަރަށް ވުރެ މައްޗަށް އަރާނެ ކަމަށް ކަމާ ބެހޭ ފަރާތްތަކުން ލަފާކުރެއެވެ.
ދުނިޔޭގެ ބެންޗްމާކް ކަމަށްވާ ބްރެންޓް ކްރޫޑުން ދައްކާގިތުގައި ތެޔޮ ފީފާއެއްގެ އަގު 2.9 އިންސައްތަ އިތުރުވެ ގާތްގަނޑަކަށް 106.12 ޑޮލަރަށް އަރާފައިވެއެވެ. އެމެރިކާގެ ތެޔޮ 2.6 އިންސައްތަ އިތުރުވެ 101.53 ޑޮލަރަށް އަރާފައިވެއެވެ.
އެމެރިކާއާއި އިސްރާއީލުން އިސްވެ އޮވެ އީރާނުގައި ހިނގަމުންދާ ހަނގުރާމައަށް މިހާރު ދެ ހަފްތާ ވެފައިވާއިރު، ގިނަ ގައުމުތަކަށް ލިބޭ ތެލުގެ މިންވަރު މަދުވެ ދަތިތަކާއި ކުރިމަތިލާން ވަނީ ޖެހިފައެވެ.
އީރާނުން ކޮންޓްރޯލްކުރާ ތެޔޮ ހިފައިގެން ދަތުރުކުރުމަށް މުހިންމު މަގެއް ކަމަށްވާ ހޮރްމޫޒް ކަނޑުއޮޅި ހަނގުރާމަ ފެށުނު ފަހުން ވަނީ ތެޔޮ ޓޭންކަރުތައް ދަތުރުކުރުމަށް ބަންދުކޮށްފައެވެ. ދުނިޔޭގެ ތެލުގެ 20 އިންސައްތަ އެއްހާ ތެޔޮ ދަތުރުކުރަނީ މި މަގު މެދުވެރިކޮށެވެ.



