ރާއްޖޭގެ ޑޮލަރު އަގު ހިފެހެއްޓޭނީ ސަރުކާރުގެ ޕޮލިސީ އާއި ވިސްނުން ރަނގަޅު ކޮށްގެން ކަމަށް ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި ޑޮލަރު ލިބުން ދަތިވެ ޑަޮަލަރުގެ އަގު މައްޗަށްދާ މައްސަލަ އާއި ގުޅިގެން ރާއްޖެޓީވީގެ ޕްރޮގުރާމެއްގައި ވާހަކަ ދައްކަވަމުން ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވީ، ރާއްޖޭގައި ޑޮލަރު ލިބުން ދަތިވެގެން އުޅެނީ ބޭންކުތަކުގައި ޑޮލަރު ނުހިފެއްޓިގެން ނޫން ކަމަށެވެ. އަދި ޑޮލަރުގެ ތާށިކަން އުޅެނީ މާކެޓަށް ނުނެރި ޑޮލަރު ރާއްޖެއިން ބޭރުކުރާތީ ކަމަށް ބުނެ ބައެއް ފަރާތްތަކުން ވާހަކަ ދެއްކި ނަމަވެސް އެއީ ހަގީގަތެއް ނޫން ކަމަށް ގާސިމް ވިދާޅުވިއެވެ.
ޑޮލަރުގެ އަގު މައްޗަށް ދިޔަ ނުދީ ހިފެހެއްޓޭނީ ސަރުކާރުގެ ޕޮލިސީ އާއި ސަރުކާރުގެ ވިސްނުން ރަނގަޅުކޮށްގެން ކަމަށް މަރުކަޒީ ބޭންކު، އެމްއެމްއޭގެ ގަވަރުނަރުކަން ކުރަށްވާފައިވާ ގާސިމް ވިދާޅުވިއެވެ.
”ރާއްޖޭގައި ޑޮލަރު ހިފެހެއްޓޭނެ ގޮތް ހެދޭނީ ސަރުކާރުގެ ޕޮލިސީ އާއި ސަރުކާރުގެ ވިސްނުން ރަނގަޅުވެގެން، ބޭންކުތަކާމެދު އެމްއެމްއޭ އިން ކަންތައް ކުރާ ގޮތް ރަނގަޅުވެގެން، އެކަމު އެހިތްވަރާއި އެ ކަރޭޖާއި އެ ވިސްނުމާއި އެ ވިޝަން އެބަހުރިހެއްޔޭ؟ ނެތް. ދެން ނެތީމަ ސުމަކަށް ދާނީ.“ ރާއްޖޭގެ ފިނޭންސް މިނިސްޓަރުކަންވެސް ކުރެއްވި ގާސިމް ސުވާލު ކުރެއްވިއެވެ.
މީގެ އިތުރުން ރާއްޖޭގައި ޑޮލަރުގެ އަގު މައްޗަށް ދާ ސަބަބުތަކާއި ބެހޭ ގޮތުން ގާސިމް ވިދާޅުވީ ދިވެހި ފައިސާ މާކެޓްގައި ގިނަވާ ވަރަކަށް ޑޮލަރުގެ އަގު މައްޗަށް ދާނެ ކަމަށެވެ. އަދި ޑެފިސިޓް ބަޖެޓް ފާސްކޮށް ބޮޑުކުރާ ވަރަކަށް ޑޮލަރުގެ އަގު މައްޗަށް ގޮަސް ހާލަތު ގޯސްވާނެ ކަމަށް ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ އެމަނިކުފާނު، ފިނޭންސް މިނިސްޓަރު ކަމުގައި ހުންނެވިއިރު ޑޮލަރުގެ އަގު މައްޗަށް ދިޔަ ނުދީ ހިފެހެއްޓެވި ކަމަށެވެ. އެގޮތުން އޭރު 11.42ރ. އަށް ޑޮލަރު ލިބުނު ކަމަށް ގާސިމް ވިދާޅުވިއެވެ. ގާސިމް ވިދާޅުވީ ޑޮލަރު އަގު މައްޗަށް ދާން ފެށީ ކުރީގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ކަމަށެވެ.