ޑޮލަރުގެ ރޭޓާއި ކުޅެފިނަމަ އަގުތައް އަތް ނުފޯރާފަށަށް އަރާނެ: އާއްޓޭ
ދެންމެ | 19 ސެޕްޓެމްބަރ 2022

މިވަގުތު ޑޮލަރުގެ އަގާ ކުޅެފިނަމަ ތަކެތީގެ އަގު އަތްނުފޯރާފަށަށްދާނެ ކަމަށް މަޝްހޫރު ވިޔަފާރިވެރިޔާ އަޙްމަދު އާރިފް (އާއްޓޭ) ވިދާޅުވެއްޖެއެވެ.

އާއްޓޭ މިމޭރުމުން ވިދާޅުވީ ޑޮލަރުގެ ދަތިކަން ހައްލުކޮށް ބޭރު ފައިސާ ރިޒާވް ހިފެހެއްްޓޭނީ ޑޮލަރުގެ ބޭންކު ރޭޓު 17 ރުފިޔާއަށް ބޮޑުކޮށްގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމާ ގުޅިގެންނެވެ.

އާއްޓޭ ވިދާޅުވީ ޑޮލަރުގެ އަގު 12 ރުފިޔާގައި ހުއްޓައި 15 ރުފިޔާއަށް އުފުއްލެވީ ރައީސް ނަޝީދު ކަމަށެވެ. އަދި އެކަމާ ގުޅިގެން އުފެދުނު ބްލެކްމާކެޓަށް އިޝާރާތް ކުރަށްވަމުން އާއްޓޭ ވިދާޅުވީ 17 ރުފިޔާއަށް ޑޮލަރު ރޭޓް ބަދަލުކޮށްފިނަމަ ބްލެކް މާކެޓްގައި ޑޮލަރުގެ އަގު 19 ރުފިޔާއަށް އުފުލޭނެކަމަށެވެ.

ހަމައެއާއެކު ސަރުކާރުން ޖީއެސްޓީއަށް ބަދަލު ގެނައުމަށް މަސައްކަތްކުރާ ދަނޑިވަޅެއްގައި ޑޮލަރުގެ ރޭޓާއި ކުޅުމަކީ ކުރަންހެޔޮވާވަރުގެ ކަމެއް ނޫން ކަމަށްވެސް ތަޖުރިބާކާރު ވިޔަފާރިވެރިޔާ އާއްޓޭ ވިދާޅުވިއެވެ.

”ޖީއެސްޓީ މައްޗަށްދާން އުޅޭއިރު ޑޮލަރުގެ އަގާއި ކުޅެފިނަމަ މުދަލުގެ އަގު އަތްނުފޯރާ ފަށަށް އަރާނެ.“ އާއްޓޭ ވިދާޅުވިއެވެ.

އައްޑޫސިޓީ މަރަދޫގައި ހުންނަވައިގެން ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، މިހާރު ރާއްޖޭގެ ބޭރުފައިސާ ރިޒާވް އޮތީ ކަންބޮޑުވާންޖެހޭ ހާލަތެއްގައި ކަމަށާއި، އެކަމަށް ހައްލެއް ގެންނަން ޖެހޭ ކަމަށެވެ. އެގޮތުން މިހާރުވެސް ޑޮލަރުގެ އަގަކީ 17 ރުފިޔާ ކަމަށާއި، އެހެން ކަމުން 15.42 ގެ ގޮތުގާ ރޭޓު ކަނޑައަޅައިގެން އަމިއްލަ ނަފްސަށް އޮޅުވާލުމަކީ ބޭކާރުކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ޑޮލްރުގެ ރޭޓަށް ބަދަލު ގެނައުމަށް ރައީސް ނަޝީދު ގޮވާލައްވާފައިވާއިރު ސަރުކާރުން މިހާރުވަނީ ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުކުރުމަށްޓަކައި ޤާނޫނަށް ބަދަލުގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!