ހިޖާމާގެ ދާއިރާއިން ކޯސް ފުރިހަމަކޮށް ސެޓްފިކެޓު ލިބެންދެން، ރާއްޖޭގައި ހިޖާމާ ޖެހުމަށް މަޝްހޫރު ”ފަޒީސް ހިޖާމާ ތެރަޕީ“ގެ ވެރިޔާ ފަޒީލާ އުސްމާން (ފަޒީ)، ހިޖާމާ ޖެހުން ހުއްޓާލައިފިއެވެ.
”ފަޒީސް ހިޖާމަ ތެރަޕީ“އަކީ ރާއްޖޭގައި އެންމެ ފުޅާކޮށް، ހިޖާމައިގެ ފަރުވާދެމުން އަންނަ އެއް ތަނެވެ.
ދާދި ފަހުން ”ފަޒީސް ހިޖާމާ ތެރަޕީ“ގެ މައްސަލައެއް ހެލްތު މިނިސްޓްރީން ވަނީ ބަލަން ފަށައިފައެވެ. މިނިސްޓްރީން މައްސަލަ ބަލަން ނިންމާފައިވަނީ، ހަކުރު ބައްޔަށް ޖަހަމުން އަންނަ އިންސިއުލިންގެ ބަދަލުގައި ހިޖާމާއިން ފަރުވާ ލިބޭނެ ކަމަށް ބުނެފައިވާތީ، އެކަމާ ޑޮކްޓަރުންނާއި ޑައިބެޓިކްސް އެސޯސިއޭޝަންގެ އިތުރުން އާންމުން ނުރުހުން ފާޅުކުރަމުން ދިއުމުންނެވެ.
ހެލްތު މިނިސްޓްރީން ބުނީ ފަޒީލާ ހިޖާމާ ޖަހަމުން ދަނީ ހުއްދަ ނުނަގައި ކަމަށާއި އެ މަސައްކަތް ހުއްޓާލުމަށް ތަކުރާރުކޮށް ނަސޭހަތްދީފައިވާ ކަމަށެވެ. ނަމަވެސް އެތަން ހުއްޓާނުލާނެ ކަމަށް އޭނާ ބުނެފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.
”ފަޒީސް ހިޖާމަ ތެރަޕީ“ ފޭސްބުކް ޕޭޖުގައި މިއަދު ކުރި ޕޯސްޓެއްގައި ފަޒީ ބުނެފައިވަނީ ހެލްތު މިނިސްޓްރީން އޭނާއާ ބައްދަލުކޮށްފައިވާ ކަމަށެވެ. އަދި މިއަދުން ފެށިގެން ހެލްތު މިނިސްޓްރީގެ ހުއްދައެއް ނެތި ރާއްޖޭގައި ހިޖާމާ ކްލިނިކެއް ނުހިންގޭނެ ކަން އަންގާފައިވާ ކަމަށްވެސް ބުންޏެވެ.
ފަޒީ ބުނީ ރާއްޖޭގައި ހުއްދަ ނުނަގައި ހިޖާމާ ތެރަޕީ ދިނުމަކީ މަނާކަމެއް ކަމަށާއި އެހެންކަމުން މިއަދުން ފެށިގެން އޭނާ ހިޖާމާ ޖެހުމުގެ މަސައްކަތް ހުއްޓާލާފައިވާ ކަމަށެވެ.
”އަޅުގަނޑު މިއަދުން ފެށިގެން ހިޖާމާ ތެރަޕީ ހުއްޓާލައިފިން. އަދި ދިވެހިރާއްޖޭގެ އެއްވެސް ހިޖާމާ ޖަހާތަނެއް ހެލްތު މިނިސްޓްރީގައި ރެޖިސްޓްރީ ވެފައިނުވާތީ އާއި އެއްވެސް ހިޖާމާ ޖަހާ މީހަކަށް ހެލްތުން ހުއްދަ ދީފައި ނުވާތީ އަދި އެކަން ކުރާ ނަމަ ހެލްތު މިނިސްޓްރީއަށް އެންގުމަށް ހުރިހާ ކްލަޔަންޓުންނަށް އިލްތިމާސްކުރަން،“ އޭނާ ބުންޏެވެ.
ފަޒީ ބުނީ ސެޓުފިކެޓާއެކު ހުއްދައަށް އެދި ހުށަހެޅުމުން ހެލްތު މިނިސްޓްރީން ހުއްދަ ލިބޭނެ ކަމަށާއި އޭނާވެސް ކޯސް ފުރިހަމަކުރުމަށްފަހު ހެލްތަށް ސެޓްފިކެޓު ހުށަހަޅާނެ ކަމަށެވެ. އަދި ހުއްދަ ލިބުމުން އަލުން ހިދުމަތް ފަށާނެ ކަމަށްވެސް އޭނާ ބުންޏެވެ.