ރާއްޖޭގައި ދުނިޔޭގެ ފެންވަރުގެ ފުޓްބޯޅަ މުބާރާތްތައް ބޭއްވުމަކީ ސަރުކާރުގެ އަމާޒެއް: ރައީސް
ދެންމެ | 25 މެއި 2026

ދިވެހިރާއްޖޭގައި ބައިނަލްއަޤްވާމީ ފުޓްބޯޅަ މުބާރާތްތައް ބޭއްވުމަށް ފުރުސަތުތައް ފަހިކޮށްދިނުމަކީ ސަރުކާރުގެ އަމާޒެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.

ރައީސް މިފަދައިން ވިދާޅުވީ ބައިނަލްއަޤްވާމީ ފުޓްބޯޅަ ދުވަހުގެ މުނާސަބަތުގައި މިއަދު އެކްސް މެދުވެރިކޮށް ކުރެއްވި ޕޯސްޓެއްގައެވެ.

ބައިނަލްއަޤްވާމީ ފުޓްބޯޅަ ދުވަހުގެ ހެޔޮއެދުންތައް ފުޓްބޯޅައަށް ލޯބިކުރާ އެންމެހާ ފަރާތްތަކަށް ފޮނުއްވަމުން ރައީސް ވިދާޅުވީ، ފުޓްބޯޅައަކީ މުޅި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި މީހުން އެއްބައިކުރުވާ ރީތި ކުޅިވަރެއް ކަމަށެވެ.

އަދި މި ކުޅިވަރުގެ ސަބަބުން ދިވެހިންގެ މެދުގައި އޮންނަ އެއްބައިވަންތަކަމުގެ ރޫޙު ފާހަގަކުރައްވައި، މިއީ އަންނަން އޮތް ޖީލުތަކަށް ލިބޭ މުހިންމު ހިތްވަރެއްކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ފުޓްބޯޅައިގެ އުމްރާނީ ވަސީލަތްތައް ތަރައްޤީކޮށް ފުޅާކުރުމަށް ޚާއްޞަ އިސްކަމެއް ދެއްވާ ކަމަށެވެ. އެގޮތުން ފީފާ މިންގަނޑުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމާއި، މިހާރު ހުރި ވަސީލަތްތައް އިތުރަށް ފުރިހަމަކުރުމުގެ މަސައްކަތް ބާރަށް ކުރިއަށްދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ކުޅިވަރުގެ ދާއިރާ ލާމަރުކަޒީކޮށް ކުރިއެރުވުމަށްޓަކައި ”ކުޅިވަރުގެ ޤާނޫނު“ އަށް އިޞްލާޙު ގެނައުން ފަދަ މުހިންމު ސިޔާސީ ބަދަލުތައް މި ސަރުކާރުން ގެންނަވާފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. މި ބަދަލުތަކުގެ ސަބަބުން މުޅި ރާއްޖޭގައި ކުޅިވަރު ކުރިއެރުވުމަށް މަގުފަހިވެގެންދާނެއެވެ.

ރައީސް ޑރ. މުޢިއްޒުގެ ޕޯސްޓުގައި އިތުރަށް ވިދާޅުވީ، ރާއްޖޭގައި ބައިނަލްއަޤްވާމީ ފުޓްބޯޅަ މުބާރާތްތައް ބޭއްވުމުގެ ފުރުޞަތުތައް ފަހިކޮށްދިނުމަކީ ސަރުކާރުގެ އަމާޒެއް ކަމަށެވެ.

މީގެ ބޭނުމަކީ ރާއްޖޭގެ ކުޅިވަރު ސަގާފަތް ވަރުގަދަކޮށް، ދިވެހި ކުޅުންތެރިންނަށް ބައިނަލްއަޤްވާމީ މައިދާނުގައި ހުނަރު ދައްކާލުމަށް ބޮޑެތި ފުރުޞަތުތައް ހޯދައިދިނުން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!