ލަންކާގެ ބޮޑުވަޒީރު ކަމަށް ރަނިލް.
ދެންމެ | 12 މެއި 2022

ސްރީލަންކާގެ ބޮޑުވަޒީރު ކަމުގެ މަގާމަށް ރަނިލް ވިކްރެމަސިންހަ ސިންހަ އައްޔަންކުރައްވައިފި އެވެ.

ލަންކާގެ ބޮޑުވަޒީރު ކަމުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި މަހިންދަ ރާޖަޕަކްސަ މިދިޔަ ހޯމަ ދުވަހު މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

ޔުނައިޓެޑް ނެޝަނަލް ޕާޓީ (ޔޫއެންޕީ) ގެ ލީޑަރު ރަނިލް ބޮޑުވަޒީރުކަމުގެ ހުވާ ކުރެއްވިއިރު އޭނާ ނިސްބަތްވާ ޕާޓީއަށް ލަންކާގެ ގާނޫނު ހަދާ މަޖިލީހުގައި ލިބިފައިވަނީ އެންމެ ގޮނޑިއެކެވެ. އެ ގޮނޑި ފުރުއްވަމުން ގެންދަވަނީ ރަނިލް އެވެ.

ރަނިލް ބޮޑުވަޒީރު ކަމަށް ވަޑައިގެންނެވީ ލަންކާގެ ވެރިކަން ކުރާ ޕޮޑުޖުނާ ޕެރަމުނާ (އެސްއެލްޕީޕީ) ގެ ގިނަ އަދަދެއްގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންގެ ތާއީދާއެކު ކަމަށް ރިޕޯޓުތައް ބުނެ އެވެ.

މިއީ ލަންކާގެ ބޮޑުވަޒީރު ކަމުގެ މަގާމު ރަނިލް ފުރުއްވާ ހަވަނަ ފަހަރެވެ.

ލަންކާގެ ސަރުކާރާއި ދެކޮޅަށް އެގައުމުގައި ހުއްޓުމެއް ނެތި މުޒާހަރާތައް ކުރަމުން އަންނައިރު އެގައުމުގައި މިވަގުތު އޮތީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފަ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!