އަލަށް ހަދާ ރިސޯޓްތައް ތަރައްޤީ ކުރުމަށް ބޭނުންވާނެ ފައިސާ ހޯދައިދިނުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިޙު ވިދާޅުވެއްޖެއެވެ.
ރާއްޖެއަށް ފަތުރުވެރިކަން ތައާރަފް ކުރި ފަހުން 50 އަހަރު ފުރުން ފާހަގަކުރަން، މިރޭ ދަރުބާރުގޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސާލިޙު ވިދާޅުވީ، ރާއްޖޭގައި ފަތުރުވެރިކަން ތަޢާރަފްވިތާ މާދަމާއަށް 50 އަހަރު ފުރޭއިރު، ރާއްޖޭގައި މިހާރު 166 ރިޒޯޓް އެބައޮތް ކަމަށެވެ. އަދި އިތުރު ރަށްތައް ރިޒޯޓްގެ ގޮތުގައި ތަރައްޤީ ކުރަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެ ރިޒޯޓްތައް ހުޅުވުމުން، ރާއްޖޭގެ ރިޒޯޓްތަކުގެ ޢަދަދު، ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުގެ ޢަދަދާ ދާދި އަވަހަށް އަރައި ހަމަކުރާނެ ކަމަށެވެ. ރައީސް ސާލިޙު ވިދާޅުވީ މި ސަރުކާރުގެ މިވީ ހަތަރު އަހަރުގެ ތެރޭގައި 33 ރިޒޯޓާއި، 471 ގެސްޓްހައުސް ހުޅުވައިފައިވާ ކަމަށާއި، އެއީ، 8385 ކޮޓަރި ނުވަތަ 16783 އެނދު ކަމަށެވެ.
ރައީސް ވިދާޅުވީ ސަރުކާރުގެ ސިޔާސަތަކީ، ޕްރައިވެޓް ސެކްޓަރގެ ބައިވެރިވުމާއެކު، ފަތުރުވެރިކަމުގެ އުދަރެސް ފުޅާކޮށް، އެ ޞިނާޢަތު ސިންދަފާތު ކުރުން ކަމަށެވެ.
އެގޮތުން ފަތުރުވެރިކަމުގެ ސާލު މުޅި ރާއްޖެއަށް ފަތުރާލުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެކަމަށް ބޭނުންވާ ވަސީލަތްތައް ޤާއިމުކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ސާލިޙު ވިދާޅުވީ ވައިގެ ބަނދަރުތައް ތަރައްގީވެ، ސީ ޕްލޭންގެ ވިއުގަ ފުޅާވެ، އާރުޓީއެލް ފެރީތަކުން މި ޖަޒީރާތަކުގެ ސިލްސިލާ ގެތިގެންދާއިރު، ރަށު ފަތުރުވެރިކަމަށް މިހާރަށް ވުރެ މާ ފަހި ފުރުސަތުތަކެއް ހުޅުވޭނެ ކަމަށެވެ.
”އެހާރުން، ތުރާކުނު އިރުމަތީ ވަތްހޭލާ ފަށުން އައްޑޫ ގަމުގެ ދެކުނު ފުއްޓަރާ ހަމައަށް، ފަތުރުވެރިކަމުގެ މަންފާ ނުކުރާ އެންމެ ރަށެއް ވެސް ނޯންނާނެ،“ ރައީސް ސާލިޙު ވިދާޅުވި އެވެ.
މީގެ އިތުރުން ރައީސް ސާލިޙު ވިދާޅުވީ ދިވެހި ފަތުރުވެރިކަމުގެ ކޮލިޓީ އާއި އިތުބާރު ހިފެހެއްޓުމަކީ، ކޮންމެ ދިވެހި ފަރުދެއްގެ ޒިންމާއެއް އަދި ގައުމީ ވާޖިބެއް ކަމަށެވެެ. އަދި ފަތުރުވެރިކަމުގައި ރާއްޖެއަށް ލިބިފައިވާ މަގާމު ދެމެހެއްޓުމަށްޓަކައި ކުރަންޖެހޭ ވަރަށް ގިނަ ކަންކަން އަދިވެސް އެބަހުރި ކަން ރައީސް ފާހަގަކުރެއްވިއެވެ.
އޭގެ އެންމެ ކުރީގައި އޮތީ ރާއްޖޭގެ ގުދުރަތީ މުއްސަނދިކަން ރައްކާތެރިކުރުމާއި ތިމާވެށި ހިމާޔަތްކުރުން ކަމަށް ރައީސް ވިދާޅުވި އެވެ. މިހަފުލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ފަތުރުވެރިކަމުގައި ރާއްޖެއަށް ލިބިފައިވާ މަގާމު ދެމެހެއްޓުމަށްޓަކައި ރާއްޖޭގެ ގުދުރަތީ މުއްސަނދިކަން ރައްކާތެރިކުރުމާއި ތިމާވެށި ހިމާޔަތް ކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ރިސޯޓް އޯނަރުންނަށް އިލްތިމާސް ކުރަށްވާފައެެވެ.