ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގަތީ އެއްވެސް ތާއީދެއް ނެތި ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެ އެވެ.
ދިވެހި ޗެނަލަށް ދެއްވި އިންޓަރވިއު އެއްގައި ރައީސް ނަސީދު ވިދާޅުވީ ރާއްޖޭގެ ސިސްޓަމް މިހާރު އޮންނަ ގޮތުން ވެރިކަމަށް އަބަަދުވެސް ވަޑައިގަންނަވަނީ ތާއީދު އެންމެ ކުޑަ މީހާ ކަމަށެވެ.
އެމަނިކުފާން ވިދާޅުވީ ދެހާސް އަށް ވަނަ އަހަރު އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވީ އެންމެ ތޭވީސް ޕަސެންޓް ތާއީދާއި އެކުގައި ކަމަށާއި ރައީސް ޔާމީން ވަޑައިގެންނެވީ ހަތާވީސް ޕަސެންޓް ތާއީދުން ކަމަށެވެ. އަދި ރައީސް ސޯލިހް ވަޑައިގެންނެވީ އެމްޑީޕީގެ ޕްރައިމަރީއެއް ވެސް ބޭއްވުމެއް ނެތި އެއްވެސް ތާއީދެއް ނެތި ކަމަށެވެ.
ރައީސް ނަސީދު ވިދާޅުވީ މިހާރު ސިސްޓަމް އޮންނަ ގޮތުން ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅަކު ބާކީވުމުގެ ފުރުސަތު އިންތިހާއަށް ބޮޑު ކަމަށެވެ.
ރައީސް ނަސީދު މިމޭރުމުން ވާހަކަ ދައްކާފައި މިވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ އެމްޑީޕީ ރިޔާސީ ޓިކެޓް ހޯދުނުގެ ވާދަވެރިކަން ބޮޑުވެފައި ވަނިކޮށެވެ.