އެމްޑީޕީގެ ޗެއާޕާސަން ހޮވުމަަށް މިއަދު ބޭއްވި އިންތިހާބު އިކޮންމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ކާމިޔާބު ކުރައްވައިފިއެވެ.
އެމްޑީޕީގެ ޗެއާޕާސަން ހޮވުމަަށް މިއަދު ބޭއްވި އިންތިހާބުގެ ނަތީޖާތަކަށް ބަލާއިރު މިހާތަނަަށް ސާފު ކުރެވުނު ނަތީޖާއިން އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް (ފައްޔަ) ވަނީ ބޮޑުތަނުން ކުރި ހޯއްދަވާފައެވެ. ފައްޔަގެ ކެމްޕެއިން ޓީމުން މިހާރު ވަނީ އިންތިހާބުގެ ކާމިޔާބީ އިއުލާނު ކޮށްފައެެވެ.
މިއަދު ހެނދުނު 9:00 އިން އިރުއޮއްސި 6:00 އަށް ބޭއްވި އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބުގައި ފައްޔާޒާއި ވާދަކުރެއްވީ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީއެވެެ.
މިއަދުގެ އިންތިހާބަށް 281 ވޯޓް ފޮށި ބަހައްޓާފައިވާއިރު 140 އަށްވުރެ ގިނަ ވޯޓްފޮށީގެ ނަތީޖާ މިހާތަނަށް ވަނީ އިއުލާނު ކޮށްފައެވެ. ގިނަ ވޯޓް ފޮށިތަކުން ކުރި ހޯއްދެވީ ފައްޔާޒެވެ. އެ ވޯޓްފޮށިތަކުން ފައްޔާޒް 20،000 އަށްވުރެ ގިނަ ވޯޓް ހޯއްދަވާފައިވާއިރު އިމްތިޔާޒަށް ލިބިވަޑައިގަތީ 14،000 ވޯޓެވެ.
ފައްޔާޒްގެ ކެމްޕެއިން ތަރުޖަމާން އިބްރާހިމް ވަހީދު މިހާރު ވަނީ ފައްޔާޒަށް މަރުހަބާ ވިދާޅުވެ ކާމިޔާބު އިއުލާނު ކުރައްވާފައެވެ. އަދި ”ހިންގާލަން“ ކެމްޕެއިން ޓީމުގެ މެންބަރުން ކުރެއްވި މަސައްކަތްތަކަށް އޭނާާ ވަނީ ޝުކުރު އަދާކުރައްވާފައެވެ.
ފައްޔާޒަަށް ތާއީދު އޮތް ކަމަަށް ބެލެވުނު ދާއިރާތަކުން ވަރަށް ބޮޑު އަޣުލަބިއްޔަތެއް އޭނާ ވަނީ ހޯއްދަވާފައެވެ. ބައެއް ވޯޓް ފޮށިތަކުން 90 ޕަސެންޓް ވޯޓް ފައްޔާޒު ހޯއްދަވާފައިވާ ކަން ފާހަަަގަކުރެވެއެވެ.
ޗެއާޕާސަން އިންތިހާބުގެ އިތުރުން މިއަދު ވަނީ އެމްޑީޕީގެ އަންހެނުންގެ ރޫހު ރައީސްކަމުގެ މަގާމާއި، ޒުވާނުންގެ ހިތްވަރުގެ ރައީސް އަދި ނައިބު ރައީސްގެ މަގާމުގެ އިންތިހާބު ވެސް ބާއްވާފައެވެ. ވަގުތީ ނަތީޖާ ދައްކާގޮތުން އަންހެނުންގެ ރޫހުގެ ރައީސްކަމުގެ އިންތިޚާބުގައި ކުރި ހޯއްދަވާފައިވަނީ ރޮޒައިނާ އާދަމެެވެ.
އިންތިހާބުގެ ސައްހަ ކަމާމެދު އިންތިގެ ކެމްޕެއިން ޓީމުން ސުވާލު އުފައްދާފައިވާއިރު އިންތިގެ ޓީމުން މިހާރު ވަނީ އިންތިޚާބާއި ގުޅޭ ގިނަ ޝަކުވާ ތަކެއް އިންތިޚާބާ ބެހޭ ކޮމެޓީއަށް ހުށައަޅާފައެެވެ.