މިވީހާ ދުވަހު ނަގަހައްޓަމުން އައި ހަމަތަކާ އަސާސްތަކުގެ މަތީގައި ޕާޓީގައި ދެގޮތެއް ނުވެ ހުންނާނެ ކަމަށް ވިދާޅުވެ އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބު ކާމިޔާބު ކުރެއްވި ފައްޔާޒް އިސްމާއިލަށް އިންތިޚާބުން ނާކާމިޔާބުވި ކެންޑިޑޭޓް އިމްތިޔާޒް ފަހުމީ މިއަދު މަރުހަބާ ވިދާޅުވެއްޖެ އެވެ.
އިންތި މިއަދު ކުރެއްވި ޓްވީޓެއްގައި ފައްޔާޒަށް މަރުހަބާ ވިދާޅުވެފައި މި ވަނީ އިންތިޚާބުން ބޮޑު ތަފާތަކުން ބަލިވެވަޑައިގެންނެވި ފަހުން، އިންތިގެ ކެމްޕޭން ޓީމު ހިމޭންވުމުން ބައެއް މީހުންގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށެވެ. އިންތި ވަނީ އޭނާއާ އެކު މަސައްކަތް ކުރި ޓީމަށާއި ވޯޓު ދިން މީހުންނަށް ޝުކުރު އަދާކުރައްވައިފަ އެވެ.
ޕާޓީއާ އެކު ދެގޮތެއް ނުވެ ހުންނަވާނެ ކަމަށް އިންތި ވިދާޅުވެފައި މި ވަނީ، އެމްޑީޕީގެ ތާރީޚުގައި ވެސް ބާއްވާފައި ނުވާވަރުގެ ވާދަވެރި ޗެއާޕާސަން އިންތިޚާބުގެ ކެމްޕޭނުގައި ބަހުގެ ހަމަލާތައް ބަދަލުކޮށް، ބައިވެފައިވާ ދެ ފެކްޝަން އެއްގަލަކަށް އަރާނެކަމާ މެދު ބައެއް މީހުން ސުވާލު އުފައްދާފައި ވަނިކޮށެވެ.
ގުޅުންހުރި ލިޔުންތައް