4 ހައުސިންގ މަޝްރޫޢެއްގެ މަސައްކަތް 3 މަސް ދުވަހުގެ ތެރޭގައި ނިމޭނެ: އެޗްޑީސީ
ދެންމެ | 20 އޮކްޓޯބަރ 2022

ހުޅުމާލޭގައި ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ 4 މަޝްރޫޢެއްގެ މަސައްކަތް ކުރިއަށް އޮތް 3 މަސް ދުވަހުގެ ތެރޭގައި ނިމޭނެކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ހާމަކޮށްފިއެވެ.

ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު އާޠިފް އިއްޔެ ވިދާޅުވީ ކަނޑައެޅިފައިވާ މުއްދަތަށް ނުނިމި ލަސްވަމުންދާ ހައުސިންގ މަޝްރޫޢުތައް ނިންމާ ހަވާލުކުރަން ފެށުމަށް މިހާރު ދީފައިވާ އެންމެފަހު މުހުލަތަކީ އަންނަ ޑިސެމްބަރު މަހުގެ ނިޔަލަށްކަމަށެވެ.

މި މަޝްރޫޢުތައް ނިމިފައިނުވަނީ ކޯވިޑްގެ ޙާލަތާ ގުޅިގެން ދިމާވި މުވައްޒަފުންގެ މައްސަލަތަކާއި މުދާ ގެނައުމުގައި ކުރިމަތިވި ދަތިތަކާއި އިންފްލޭޝަނަށް އައި ބަދަލުތަކުގެ ސަބަބުންކަމަށް އާތިފް ވިދާޅުވިއެވެ.

އެގޮތުން ކުރިއަށް އޮތް 3 މަސްތެރޭގައި ނިމޭނެކަމަށް އެޗްޑީސީން ލަފާކުރާ މަޝްރޫޢުތަކުގައި މިހާރު ކުރިއަށްގެންދަނީ ފިނިޝިންގެ މަސައްކަތްތަކެވެ. އެ ހަތަރު މަޝްރޫޢަކީ، އަކުއަ ވިޓާ ރެސިޑެންސް، ކޭ.ޕަރކް ރެސިޑެންސް، ދަ ގަރޑެންސް ރެސިޑެންސް އަދި އައިރާ ކޮންޑޮމިނިއަމް ޕްރޮޖެކްޓެވެ.

އެޗްޑީސީން ބުނީ 129 އެޕަރޓްމަންޓްގެ އަކުއަ ވިޓާ ރެސިޑެންސްގެ 95 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށެވެ. އަދި 73 އެޕަރޓްމަންޓްގެ ދަ ގަރޑެންސް ރެސިޑެންސްގެ 90 އިންސައްތަ މަސައްކަތް ވަނީ ނިމިފައި ކަމަށާއި، 94 ހައުސިން ޔުނިޓްގެ އައިރާ ކޮންޑޮމިނިއަމްގެ 92 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށް އެޗްޑީސީން މަޢުލޫމާތު ދީފައިވެއެވެ.

ހަމައެއާއެކު 110 އެޕާޓްމަންޓް ހިމެނޭ ކޭ.ޕާކް ރެސިޑެންސް މަޝްރޫޢުގެ 77 އިންސައްތަ މަސައްކަތް ވަނީ ނިމިފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!