ބަގުރޫޓް ވިޔަފާރިވެރިޔާ އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލާއި އެ ބޭފުޅާގެ އެއްބަނޑު އެއްބަފާ ބޭފުޅުން ދިރިއުޅެން ހަދަމުން އަންނަ ގ.މޫނިމާގެ ވިއްކާލަން ބޭންކް އޮފް މޯލްޑިވްސް އަށް ސިވިލް ކޯޓުން ހުއްދަ ދީފިއެވެ.
އެ ގެ ވިއްކާލަން ބޭންކުން ހުއްދަ ދިނީ އެ ގެ ރަހުނުކޮށް، ބިޒްނަސް އިމޭޖް ގުރޫޕް (ބިގް) އިން ނެގި 34 މިލިއަން ރުފިޔާގެ ލޯނެއް ގަވާއިދުން ދައްކަމުން ނުދާތީ ބޭންކުން އެ މައްސަލަ ކޯޓަށް ހުށަހެޅުމުންނެވެ. 2016 ވަނަ އަހަރު ބިގަށް ބީއެމްއެލް އިން ދޫކުރި އެލޯނަށް ސެޕްޓެމްބަރު 26 ގެ ނިޔަލަށް 30 މިލިއަން ރުފިޔާ ދައްކަން ޖެހެއެވެ.
ބިގް ކުންފުނީގެ މިހާރުގެ ހިއްސާދާރުންނަކީ ރައީސް އޮފީހުގެ ކުރީގެ ކޮމިއުނިކޭޝަން ހެޑް، އަދި މިހާރުވެސް ނުރަސްމީކޮށް ރައީސް ސޯލިހްގެ ޕީއާރު މަސައްކަތް ކުރަމުން އަންނަ މ.ބޯގަންވިލާ ހަސަން އިސްމާއިލާއި، އެމްޑީއެންގެ ނަމުގައި ހިންގި ޖަމިއްޔާއިން ނެރުނު ދީނާއި ހިލާފު ރިޕޯޓު ލިޔުމުގައި ހަރަކާތްތެރިވި މުޝްފިގު މުހައްމަދުގެ ބޭބެ އަދި ރައިސް ސޯލިހްގެ ރަސްމީ ފޮޓޯގްރާފަރު މުހައްމަދު މުންޝިދެވެ. މީގެ ކުރިން އެ ކުންފުނީގެ ހިއްސާދާރުންގެ ގޮތުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލާއި އާޓްސް އެންޑް ކަލްޗަރ މިނިސްޓަރު ޔުމުނާ މައުމޫންގެ ފިރިކަލުން އަހުމަދު ނަދީމްގެ ހިއްސާވެސް އޮތެވެ. އެހެންނަމަވެސް މިހާރު މި ބޭފުޅުން އުޅުއްވަނީ ޕަޕެޓުން ކުރިމައްޗައް ލައްވައި ފުރަގަހުގަ އެވެ.
ބިގުން އެ ލޯނު ނަގާފައިވަނީ ހަސަން އިސްމާއިލާއި، މުންޝިދާއި ބިގް ކުންފުނި އަދި މޫނިމާގޭ އަހްމަދު ޒަރީރުގެ ގެރެންޓީ ދީގެންނެވެ. މި ލޯނު ނެނގިއިރު ހިއްސާދާރުންގެ ގޮރުގައި ޔުމުނާ ފިރިމީހާ ނަދީމާއި ފައްޔާޒުގެ ހިއްސާ އޮތެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މިހާރު ފައްޔާޒު މަސައްކަތް ކުރަމުން ދަނީ ބޭންކުން އެ ގެ ވިއްކާލަން އިއުލާން ކުރުމުން އެހެން މީހެއް ނަމުގައި އެ ގެ ގަނެ ގޭގެ ވެރިފަރާތް މައިދީ ބޭރުކޮށްލުމަށެވެ. އަދި މުޅި ބިމާއި އިމާރާތާއި ދަމައިގަތުމަށެވެ.
އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި ފައްޔާޒުގެ ބިގް ކުންފުންޏަށް މިގެ 30 އަހަރުގެ މުއްދަތަކަށް ހަދަން ދީފައި ވަނީ އެންމެ ބުރިއެއް ގޭގެ ވެރިފަރާތަށް ލިބޭ ގޮތަށެވެ. އެހެން ހުރިހާ ބުރިއެއް ލިބެނީ ފައްޔާޒުގެ ބިގު ކުންފުންޏަށެވެ.
ދެފަރާތުން ވެފައިވާ އެއްބަސްވުމުގެ ދަށުން ގެ ހެދުމަށްޓަކައި އެ ބިން ރަހްނުކޮށް ބޭންކުން ނެގި ލޯނު ވެސް ފައްޔާޒުގެ ބިގް ކުންފުނިން ވަނީ ބޭނުން ކޮށްލާފަ އެވެ. އަދި އެ އިމާރާތް ނިންމައި ލޯނު ދެއްކުމަށް ފައްޔާޒުގެ ބިގު ކުންފުނިން ވަނީ އިންކާރުކޮށްފަ އެވެ.
ސިވިލް ކޯޓުން ނިންމި ނިންމުމުގައި ބުނެފައިވަނީ ލޯނު ނެގުމަށް ރަހުނުކޮށްފައިވާ މޫނިމާގެ ވިއްކާލުމުގެ ހައްގު ބޭންކަށް ލިބިގެންވާ ކަމަށެވެ. އަދި 6 މަސް ދުވަސް ތެރޭގައި އެކަން ކުރުމުގެ ހުއްދަ ދިނުމަށް މައްސަލަ ނިންމެވި ސިވިލް ކޯޓުގެ ގާޒީ ރިޒްމީނާ އިދުރީސް ނިންމެވިއެވެ.
މޫނިމާގެ ވިއްކާލަން ބީއެމްއެލްއަށް ހުއްދަ ދީފައިވާއިރު، ބިގުން އަންނަނީ މިހާރު އެ ގެ ހަދަމުންނެވެ. މައުލޫމާތު ލިބޭގޮތުގައި އެ ގެ ހަދަނީ ހަސަން އިސްމާއިލް އާއި، ފައްޔާޒު އިސްމާއިލް އާއި އަދިވެސް ބޯގަންވިލާ އާއިލާ އަށް ނިސްބަތްވާ ބައެއް ފަރާތްތައް ދިރިއުޅުމަށެވެ. އެ މަސައްކަތަށް ފައިސާ ހޯދީ ކޮންގޮތަކުން ކަމެއް ސާފެއް ނޫނެވެ. މިނިސްޓަރު ފައްޔާޒުގެ މަލީ ބަޔާނުގައި ވާގޮތުން އެ ބޭފުޅާ އޮތީ އެތައް ބަޔަކަށް ދަރާފައެވެ.
ފައްޔާޒު އިސްމާއިލްގެ މާލީ ބަޔާނުން އެބޭފުޅާއަކީ ވަރަށް ފަގީރު ބޭފުޅެއް ކަމުގައި ފެނުނުނަމަވެސް، މި ސަރުކާރުން ހިންގާ ހުރިހާ ކޮރަޕްޝަނެއްގެ މުގުލުގައި ހުންނެވި ފައްޔާޒުކަމަށް މީގެ ކުރިން އެމްޑީޕީގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުވެސް ވަނީ ވިދާޅުވެފައެވެ.