ރައްޔިތުންގެ މަޖިލީހުގެ ވިލުފުށި ދާއިރާގެ ކުރީގެ މެމްބަރު ރިޔާޒް ރަޝީދުގެ އާއިލީ މަސްލަހަތު އޮންނަ ކުންފުންޏެއް ކަމަށްވާ ޕޮޕިއުލާ މޯލްޑިވްސްގެ ފަރާތުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކުރަމުންދާ ތަހުގީގަކަށް ހާޒިރުވާން އަންގައިފި އެވެ.
އޭސީސީގެ ލެޓާހެޑްގައި އާންމުކުރި އެންގުމެއްގައި ”ޕޮޕިއުލާ މޯލްޑިވްސް ޕްރައިވެޓް ލިމިޑެޓް“ ގެ މައްޗަށް ވަނީ އެ ކޮމިޝަނުން ހިންގާ ތަހުގީގަކަށް ހާޒިރުވުމަށް އަންގާ ކަމަށް ބުނެފަ އެވެ.
އަދި އެ ކޮމިޝަނަށް އެ ކުންފުނި ހާޒިރުކުރާ ސަބަބެއް ކަމުގައި ބުނެފައިވަނީ، ތަހުގީގު ކުރަމުންދާ އެ ކުންފުންޏާއި ގުޅުން ހުރި މައްސަލައެއްގައި ޖަވާބުދާރީވާނެ ފަރާތެއް ކަނޑައެޅުމަށް ދީފައިވާ މުއްދަތުގައި އެކަން އަންގާފައި ނުވާތީ ކަަމަށެވެ.
އަދި އެމައްސަލައާއި ގުޅިގެން ކޮމިޝަންގެ ތަހުގީގަށް ހާޒިރުވާން ދިން ފުރުސަތުގަައި ހާޒިރުވެފައި ވެސް ނުވާ ކަމަށެވެ. އެެހެން ކަމުން ޕޮޕިއުލާ މޯލްޑިވްސް ޕްރައިވެޓް ލިމިޑެޓް އިން ޖަވާބުދާރީވާނެ ފަރާތެއް ކަނޑައަޅާ މި މަހުގެ 23 ވަނަ ދުވަހުގެ 2:00 އަށް އޭސީސީއަށް ހާޒިރުވުމަށް އިއުލާނުގައި ވަނީ އަންގާފަ އެވެ.
މިއީ އޭސީސީގެ ތަހުގީގަށް ކުންފުންޏެއް ހާޒިރުވާން އެންގުމަށް މިފަދަ ގޮތަކަށް އިއުލާނެއް އާންމުކުރި ފުރަތަމަ ފަހަރެވެ.
ޕޮޕިއުލާ މޯލްޑިވްސްއަކީ ރިޔާޒް ރަޝީދުގެ ދެ ދަރިންގެ ހިއްސާ އޮންނަ ކުންފުންޏެކެވެ. އޭސީސީން މީގެ ކުރިން ނެރުނު ރިޕޯޓެއްގައި ބުނެފައިވަނީ ހިޔާނާތުގެ ފައިސާގެ ތެރެއިން ރިޔާޒަށް ލިބުނު 455،000 އެމެރިކާ ޑޮލަރު އޭނާގެ މެރީޑިއަން ކުންފުނި މެދުވެރިކޮށް ޕޮޕިއުލާ މޯލްޑިވްސް ކުންފުންޏަށް ދެ ފަހަރެއްގެ މަތިން ޓްރާންސްފާކޮށްފައިވާ ކަމަށެވެ.
އަދި އޭގެ ފަހުން، އެމްއެމްޕީއާރުސީ ހިޔާނާތުގެ މުއާމަލާތްތައް ތަހުގީގުކުރި ބޭރުގެ އެންޖީއޯއެއް ކަމަށްވާ އޯގަނައިޒްޑް ކްރައިމް އެންޑް ކޮރަޕްޝަން ރިޕޯޓިން ޕްރޮޖެކްޓް( އޯސީސީއާރްޕީ) އިން ބުނީ ބޮޑު ހިޔާނާތުގެ ތެރެއިން ތ. އަތޮޅުގެ ފަޅުރަށެއް ކަމަށްވާ އޮޅުގިރި ކުރީގެ ސަރުކާރުގައި ޕޮޕިއުލާ މޯލްޑިވްސްއަށް ދީފައިވާ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުން މީގެ އަހަރެއްހާ ދުވަސް ކުރިން އެކުލަވައިލި ލިސްޓުގައި މަޖިލީހުގެ ކުރީގެ 44 މެމްބަރަކަށް މަންފާވި ކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ. މިގޮތުން، ވިލުފުށީ ދާއިރާގެ ކުރީގެ މެމްބަރު ރިޔާޒް ރަޝީދަށް 17.17 މިލިއަން ރުފިޔާ ލިބުނު ކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ.