އެގޮތުން، ދައުލަތުގެ އާންމުދަނީ އަބަދުވެސް މަދުވެފައި އޮންނައިރު، ލިބެމުންދާ އާންމުދަނީއެއް މަދުކޮށް، ރިސޯޓުތަކުގެ ބިމު ކުލި ކުޑަ ކުރާ ސަބަބަކީ ކޮބައިތޯ އަހައި ޝަފީގު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު މައުސޫމް ވިދާޅުވީ، ޓޫރިޒަމް އާއި ބެހޭ ގާނޫނަށް ގެންނަން ނިންމާފައި މިވާ އިސްލާހުގެ ސަބަބުން ރަނގަޅު ހެޔޮ ބަދަކުތަކެއް އަންނާނެކަމަށެވެ. އަދި ސަރުކާރުގެ ވިސްނުމަކީ ކުލިން އާމްދަނީ ހޯދުމުގެ ބަދަލުގައި ޓެކްސްއިން ބޮޑު ފައިދާއެއް ނެގުން ކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
”މަނިކުފާނުގެ (ނަޝީދުގެ) ވެރިކަމުގައި ދިވެހި ރާއްޖެއަށް ގެނައި ޓެކްސް ނިޒާމުގެ ތެރެއިން މިހާރު ދައުލަތަށް ފައިސާ ހޯދަނީ. އެހެންވީމަ އަޅުގަނޑުމެން މާލޭގެ އުތުރުގެ ރަށްތަކާއި ދެކުނުގެ ރަށްތަކުގައި އެ ލިބޭ ބިމު ކުއްޔެއް ނޫން ދައުލަތަށް ފައިސާ ހޯދަން އޮތް މަގަކީ. (އެއީ) ޓެކްސް. އަލަށް ރިސޯޓުތައް ހެދުނީމަ ލިބޭ ޓެކްސްގެ އަގު ވަރަށް ބޮޑުތަން ބޮޑުވެގެން ދާނެ،“ މައުސޫމް ވިދާޅުވި އެވެ.
މީގެ އިތުރުން މައުސޫމް ވިދާޅުވީ، އެ ބިލް ދިރާސާކުރާ މަޖިލީހުގެ ކޮމިޓީން އެ ބިލާއި ގުޅިގެން މަޝްވަރާކުރެއްވުމަށް މިނިސްޓްރީއަށް ދައުވަތު ދެއްވާފައިވާކަމަށާއި، އެގޮތުން ބޭއްވޭ މަޝްވަރާ ބައްދަލުވުމުގައި ޓެކްސްއިން ލިބޭ ފައިސާގެ ސީދާ އަދަދުތައްވެސް ހާމަކުރައްވާނެކަމަށެވެ.
އަދި ދުރު މުސްތަގުބަލުގައި މި ބިލުގެ ސަބަބުން ދައުލަތަށާއި ރައްޔިތުންނަށްވެސް މި ބިލުން ފައިދާ ކުރާނެ ކަމަށް މައުސޫމް ވިދާޅުވިއެވެ.
ސަރުކާރުގެ ސިޔާސަތުތަކުގެ ތެރެއިން ކަނޑައަޅާފައިވާ މިނިމަމް ވޭޖްގެ ސަބަބުން ރިސޯޓުތަކަށް ގެއްލުން ލިބެމުންދާތީ، އެ ގެއްލުން ކުޑަކުރުމަށްޓަކައި ކަމަށް ބުނެ، ރިސޯޓުތަކުގެ ބިމު ކުލި ކުޑަކުރަން ޓޫރިޒަމް ގާނޫނަށް ސަރުކާރުގެ ފަރާތުން ވަނީ އިސްލާހު ހުށަހަޅާފައިވަނީ ރައްޔިތުންގެ މަޖިކީހެ ނިމިދިޔަ ދައުރުގައެވެ. މި އިސްލާހާއި ގުޅިގެން އިދިކޮޅު މެންބަރުންގެ އިތުރުން، އެންޑީޕީގެ ބައެއް މެމްބަރުންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެހެންނަމަވެސް އެބިލު މަޖިލީހުން ބަލައިގަނެފައިވާއިރު، މިހާރު އެ ބިލް އޮތީ އިގްތިސާދީ ކޮމިޓީގެ ދިރާސާ ކުރާ މަރުހަލާގައެވެ.
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!