ރާއްޖޭގެ ދެކުނުން އޮންނަ ޗާގޯސް މައްސަލާގައި ސަރުކާރުން އެއްވެސް އިރެއްގައި އެޕާޓީއާއި މަޝްވަރާކޮށްފައި ނުވާ ކަމަށް ޖުމްހޫރީ ޕާޓީގެ ނާއިބް ލީޑަރު އަމީން އިބްރާހިމް ވިދާޅުވެއްޖެ އެވެ.
އަމީން މިހެން ވިދާޅުވީ ޗާގޮސް މޮރިޝަސްއާ ހަވާލުކުރުމަށް ގޮވާލައި އ.ދ އިން ފާސްކުރި ގަރާރާ ދެކޮޅަށް މީގެކުރިން ރާއްޖެއިން ވޯޓު ދިން ނަމަވެސް އެ ނިންމުން ކުއްލިއަކަށް ސަރުކާރުން ބަދަލުކުރީ ކޯލިޝަން ލީޑަރުންގެ ރުހުމާއެކު ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކަށް ރައްދު ދެއްވަމުންނެެވެ.
އެކަމާ ގުޅިގެން ޖުމުހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަމީން އިބްރާހިމް ވިދާޅުވީ ޗާގޮސް ގެ މައްސަލައިގައި ސަރުކާރުން އެެއްވެސް އިރަކު ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ނުވަތަ އެ ޕާޓީއާ ވެސް މަޝްވަރާކޮށްފައި ނުވާ ކަމަށެވެ. އަދި މި މައްސަލާގައި އެ ޕާޓީން ދެކޭ ގޮތް ވަރަށް ސާފުކޮށް ގާސިމް ވިދާޅުވެފައިވާނެ ކަމަށްވެސް އަމީން ވިދާޅުވި އެވެ.
މިމައްސަލައާއި ގުޅިގެން ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ޗާގޯސް މައްސަލައިގައި ދޫދިނުމަށް ގައުމީ ލޭ ހުރި އެއްވެސް ދިވެއްސަކު ނޭދޭނެކަމަށެވެ. އަދި އެކަމުގައި ކުރެވެން ހުރި ހުރިހާ މަސައްކަތްތަކެއް ކުރުމަށް އެމަނިކުފާނު ވަނީ އެދިވަޑައިގެންފައެވެ.
”ކަނޑުގެ އިންވަކިކުރިޔަސް ބައިނަލްއަގުވާމީ ގާނޫނުން ރާއްޖެއަށް ލިބޭ އެއްވެސް ހައްގެއް އިމްތިޔާޒެއް ނުވަތަ ނެގެން އޮތް އެއްވެސް އެޑްވާންޓޭޖެއް ދޫކޮށްލުމަކީ ދިވެހި ރައްޔިތުން ހުއްދަ ނުދޭހާ ހިނދަކު އެކަކަށް ވެސް ކުރެވޭނެ ކަމެއް ނޫން. ގާނޫނު އަސާސީގެ ރޫހަކީވެސް އެއީ.“ މިހާރު އަމަލުކުރަމުންދާ ގާނޫނު އަސާސީ އެކުލަވާލުމުގައި އިސްދައުރެއް އަދާކުރެއްވި ގާސިމް ވިދާޅުވިއެވެ.
ޗާގޮސް މޮރިޝަސްއާ ހަވާލުކުރުމަށް ގޮވާލައި އ.ދ އިން ފާސްކުރި ގަރާރާ ދެކޮޅަށް މީގެކުރިން ރާއްޖެއިން ވޯޓު ދިން ނަމަވެސް އެ ނިންމުން ކުއްލިއަކަށް ބަދަލުކުރުމުން ރާއްޖޭގެ ސަރަހައްދުން ބައެއް ގެއްލިގެން ހިނގައިދާނެ ކަމަށް ބުނެ އެކަމާ މެދު ގިނަބަޔަކު ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެެވެ. އެހެން ނަމަވެސް ސަރުކާރުން ބުނަނީ މިއީ ތަފާތު ދެ މައްސަލައެއް ކަމަށާއި އދ. ގައި މޮރިޝަސްއާ އެއްކޮޅަށް ވޯޓުދިން ނަމަވެސް ޓްރައިބިއުނަލްގައި ހިނގަމުންދާ މައްސަލާގައި ރާއްޖޭގެ ސްޓޭންޑް ބަދަލުނުވާ ކަމަށެވެ. އެގޮތުން އެކަން މޮރިޝަސް ސަރުކާރަށް ވެސް އަންގާފައިވާނެ ކަމަށް ދިވެހި ޚާރިޖީއްޔާއިން ވެސް ވަނީ ހާމަކޮށްފައެވެ.