ގައުމުން ވެލިކޮޅެއް ވެސް އެހެން ގައުމަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިއްކާ ނުލައްވާނެ ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް (ރޮޒޭ) ވިދާޅުވެއްޖެ އެވެ.
އޭނާ މިހެން ވިދާޅުވީ ޗާގޮސް މޮރިޝަސްއާ ހަވާލުކުރުމަށް ގޮވާލައި އ.ދ އިން ފާސްކުރި ގަރާރާ ދެކޮޅަށް މީގެކުރިން ރާއްޖެއިން ވޯޓު ދިން ނަމަވެސް އެ ނިންމުން ކުއްލިއަކަށް ބަދަލުކުރުމުން ރާއްޖޭގެ ސަރަހައްދުން ބައެއް ގެއްލިގެން ހިނގައިދާނެ ކަމަށް ބުނެ ބައެއް ފަރާތްތަކުން ސަރުކާރަށް ފާޑުކިޔުން އަމާޒުކުރަމުންދާ ދަނޑިވަޅެއްގަ އެވެ.
އެކަމާ ގުޅިގެން ޕީއެސްއެމުން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަދައްކަމުން ރޮޒޭ ވިދާޅުވީ ކޮވިޑް-19 ގެ ހާލަތު އެންމެ ގޯސްވެގެން ދިޔަ އިރު ކުންފުނިތަކުގެ ހިއްސާތައް ވިއްކާލަން މީގެކުރިން ދިރާގު ފަދަ ކުންފުނިތަކުގެ ހިއްސާ ވިއްކާލި ބައެއް ފަރާތްތަކުން ލަފާ ދެއްވަމުން ގެންދެވި ކަމަށެވެ. ނަމަވެސް ކޮވިޑްގެ އުނދަގޫ ހާލަތުން އަރައިގަތީ އެއްވެސް ކުންފުންޏެއްގެ ހިއްސާއެއް ވެސް އަދި ހަރުމުދަލެއް ވެސް ވިއްކާ ނުލާ ކަމަށް ރޮޒޭ ވިދާޅުވި އެވެ.
”އަޅުގަނޑުގެ ފުރިހަމަ އިތުބާރު ރައީސް ސޯލިހާއި ދޭތެރޭ އެބައޮތް. ފުރިހަމަ އަށް އިތުބާރު ކުރަން ރައީސް މި ގައުމުގެ އެންމެ ތަންކޮޅެއް ވެސް، ވެލިކޮޅެއް ވެސް ވިއްކައެއް ނުލާނެކަން. އެހެން ބައެއްގެ އަތް ދަށަށް ދެވުނަކަ ނުދޭނެކަން.“ އޭނާ ވިދާޅުވި އެވެ.
ރޮޒޭ ވިދާޅުވީ ރާއްޖޭގެ ބިންތައް ވިއްކަން މިހާރު ގާނޫނު އަސާސީ ތަން ނުދޭ ކަމަށާއި އަދި މި ސަރުކާރުން ރައްޔިތުންނަށް ގެއްލުމެއް ވާނެ ކަމެއް ނުކުރައްވާނެ ކަމަށެވެ. އަދި އެމްޑީޕީގެ ތެރޭގައި ރައީސްކަމާއި، ބޮޑުވަޒީރުކަން ބޭނުންފުޅުވާ ބޭފުޅުން ތިއްބެވުމުން ރައީސް ސޯލިހު ކުރައްވާ އެއްވެސް ކަމެއް ރަނގަޅު ކަމަކަށް ނުވާ ކަމަށާއި އެ ބޭފުޅުން ކޮންމެ ފަދަ ވާހަކައެއް ވެސް ކޮންމެ ފަދަ ގޮތަކަށް ވެސް ދައްކަވަމުންދާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ޗާގޮސް މޮރިޝަސްއާ ހަވާލުކުރުމަށް ގޮވާލައި އ.ދ އިން ފާސްކުރި ގަރާރާ ދެކޮޅަށް ރާއްޖޭން މީގެކުރިން ނެގި ސްޓޭންޓް ބަދަލުކުރި ނަމަވެސް ސަރުކާރުން ވަނީ މިއީ ތަފާތު ދެ މައްސަލައެއް ކަމަށް ބުނެފަ އެވެ. އަދި އދ. ގައި މޮރިޝަސްއާ އެއްކޮޅަށް ވޯޓުދިން ނަމަވެސް ޓްރައިބިއުނަލްގައި ހިނގަމުންދާ މައްސަލާގައި ރާއްޖޭގެ ސްޓޭންޑް ބަދަލު ނުވާ ކަމަށް ވެސް ވަނީ ބުނެފަ އެވެ.