ސަރުކާރުގެ މަތީފަޑިއަށް ބަދަލުތަކެއް ގެންނަނީ ތަ؟
ދެންމެ | 16 މެއި 2022

އެމްޑީޕީގެ ޗެއަރޕާސަންގެ އިންތިހާބް ވާދަވެރި އިންތިހާބަށް ފަހު މިހާރު ރައީސް އިބްރާހިމް ސޯލިހްގެ ސަރުކާރަށް ބޮޑެތި ބަދަލުތަކެއް ގެންނާނެކަން ކުރިންވެސް އޮތީ ބެލެވިފަ އެވެ.  ރައީސް ނަސީދާއި ރައީސް ސޯލިހްގެ ކުރިމަތި ލުމެއް ކަމަށް ބެލެވުނު މި އިންތިހާބުގައި ސަރުކާރުގެ މަތީ ފަޑި އެއްކޮށް ކަހަލަ ގޮތަކަށް މިނިސްޓަރ ފައްޔާޒަށް ތާއީދު ކުރި ނަމަވެސް ސަރުކާރުގައި ހިމެނޭ ސިޔާސީ މަދު ފަރާތްތަކެއް ވަނީ އިންތިޔާޒް ފަހުމީއަށް ތާއީދުކޮށް ފޯރީގައި ކެމްޕޭންކޮށްފަ އެވެ.

ސަރުކާރުގެ މަތީފަޑީގެ މަގާމްތަކަށް އަންނަ ބަދަލުތައް މިހާރު ވެސް އިތުބާރު ހިފޭ މަސްދަރުތަކުން ތިލަވަމުންދާއިރު، ގެނެވޭ ބަދަލުތަކުގައި މިނިސްޓަރުންނާއި ސްޓޭޓް މިނިސްޓަރުންނާއި ކުންފުނިތަކުގެ މެނޭޖިންގ ޑިރެކްޓަރުންނާއި ޑީއެމްޑީންގެ އިތުރުން ބޯޑު އޮފް ޑިރެކްޓަރުންނާއި ސިޔާސީ މަގާމްތަކުގައި ތިބި ޕޮލިސީ ލެވެލްގައި ތިއްބެވި ބޭފުޅުން ވެސް ހިމެނޭ ކަމަށް މައުލޫމާތު ލިބެ އެވެ.

ރައީސް ސޯލިހްގެ ސަރުކާރަކީ ކޯލިޝަން ސަރުކާރެއް ކަމަށް ވާއިރު، ގެނެވޭ ބަދަލުތަކުގެ ތެރޭގައި މިހާރު ވެސް ކަރަޕްޝަންގެ ތުހުމަތުގައި ކޯޓުގައި މައްސަލަ ހިނގަމުންދާ އެމްޑީޕީއަށް ނިސްބަތްވެ ވަޑައިގަންވާ ޔޫތު މިނިސްޓަރ އަހުމަދު މަހްލޫފާއި ރައީސް މައުމޫނަށް ނިސްބަތްވެ ވަޑައިގަންނަވާ ހަޔަރ އެޑިއުކޭޝަން މިނިސްޓަރ އަހުމަދު ހަސަން ހިމެނޭކަމަށް މައުލޫމާތު ލިބެއެވެ.

ރައީސް އޮފީސް މިނިސްޓަރ އަދި އެމްޑީޕީގެ ނައިބް ރައީސް މުހައްމަދު ސިފާޒު ވެސް ހިމެނިވަޑައިގަންނަވާ ކަމަށް މައުލޫމާތު ލިބެ އެވެ. މިނިސްޓަރ ސިފާޒަކީ ރައީސް ސޯލިހް ތާއީދު ކުރެއްވި ފައްޔާޒާއި ދެކޮޅަށް އެންމެ ބޮޑަށް ކެމްޕޭން ކުރެއްވި މިނިސްޓަރަށް ވުމުން އެމަނިކުފާންގެ ރައީސް އޮފީހްގެ ސިޔާސީ މުސްތަގްބަލަށް ވެސް ވަނީ ހިޔަނި އެޅިފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މިނިސްޓަރ ސިފާޒް ބަދަލު ކުރައްވަނީ ޔޫތު މިނިސްޓަރ ކަމުގެ މަގާމަށެވެ.

ކުންފުނިތަކަށް ބޮޑެތި ބަދަލުތަކެއް ގެންނަވާނެ ކަމަށް މިހާރު ވެސް ބެލެވިފައި ވާއިރު، މީޑިޔާގެ ފަރާތްތަކާއި ރައްޔިތުން އެންމެ ބޮޑު ފާޑު ކިޔުމެއް އަމާޒުވެފައިވާ ގައުމީ ޓީވީ، ޕީއެސްއެމްއަށް ވެސް ބަދަލުތަކެއް އަންނާނެ ކަމަށް މައުލޫމާތު ލިބެ އެވެ. އެގޮތުން އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމްގައި ހުންނެވި އަލީ ހާލިދާއި ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ކަމުގައި ހުންނެވި މުހައްމަދު ސަމީމް ވެސް މިބަދަލުގައި ހިމެނޭކަމަށް މައުލޫމާތު ލިބެއެވެ. ސަމީމް ރައިސް އޮފީހަށް ބަދަލުކުރުމަށް ނިންމާފައިވާއިރު، އަލީ ހާލިދު ބަދަލު ކުރުމަށް ހަމަޖެހިފައި ވަނީ ހުސްވެފައިވާ ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރުކަމަށް މައުލޫމާތު ލިބެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ކުރިއަށް އޮތް މަދު ދުވަސްކޮޅެެއްގެ ތެރޭގައި ސަރުކާރުގެ ވުޒާރާތަކާއި ކުންފުނިތަކަށް ރައީސް ގެންނަވާ ބަދަލު ފެނިގެންދާނެ އެވެ.

 

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!