ޕެޓްރޯލް ހުސްވެއްޖެ، ތެޔޮ ގަންނާނެ ޑޮލަރެއް ނެތް: ބޮޑުވަޒީރު ރަނިލް
ދެންމެ | 16 މެއި 2022

ސްރީ ލަންކާ މިހާރުވަނީ ޕެޓްރޯލަށް ޖެހިފައި ކަމަށާއި، މިހާރު އެގައުމުގައި ހުރީ އެންމެ ދުވަހަކަށް ވާވަރުގެ ޕެޓްރޯލް ކަމުގައި، ސްރީ ލަންކާގެ އާ ބޮޑުވަޒީރު ރަނިލް ވިކްރަމެސިންގހެ ވިދާޅުވެއްޖެއެވެ.

ގައުމާ މުޚާތަބްކޮށް ވާހަކަ ދައްކަވަމުން އާ ބޮޑުވަޒީރު ވިދާޅުވީ ގައުމުން މިހާރު ޕެޓްރޯލް ހުސްވެފައިވާ ކަމަށާއި، ރައްޔިތުންނަށް ބޭނުންވާ އަސާސީ ތަކެއްޗަށް އަގު ދައްކަން ބޭރުފައިސާ އެގައުމަށް ލިބޭނެ ގޮތް ނުވެފައި ވާކަމަށެވެ.

”އަހަރުމެން އަތުގަ މިހާރު ޕެޓްރޯލެއް ނެތް… މިހާރު ހުރީ އެންމެ ދުވަހަކަށް ވާވަރުގެ ޕެޓްރޯލް،“ ބަގުރޫޓުވެފައިވާ ސްރީ ލަންކާގައި ކުރިޔަށް ހުރި ދުވަސްތަކުގެ ހާލަތު އަދި މާ ގޯސްވާނޭކަމުގެ އިންޒާރު ދެއްވަމުން ރަނިލް ވިކްރަމެސިންހެ ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވި ގޮތުގައި، މިހާރު އަންލޯޑު ކުރަން ޖެހިގައިވާ 3 ޝިޕްމަންޓަކަށް ދައްކަންޖެހޭ ޑޮލަރު އެގައުމަށް ލިބޭގޮތް ނުވެފައިވާ ކަމުގައެވެ. އަދި މި ޝިޕްމަންޓަތަކަށް ފައިސާ ދައްކަންދެން، ބޯޓު ފަހަރުތައް މިހާރުތިބީ ސްރީ ލަންކާގެ ހާބަރުގެ ބޭރުގައި މަޑު ކޮށްލައިގެން ކަމުގައެވެ.

ސްރީ ލަންކާއިން މިހާރު ތަޖުރިބާ ކުރަމުންދަނީ އެގައުމުގެ މުޅި ތާރީޚުގައިވެސް ގައުމަށް ކުރިމަތިލާން ޖެހިފައިވާ އެންމެ ބޮޑު އިގްތިސާދީ ކާރިސާއާއެވެ. އަދި ގައުމުގެ 22 މިލިއަން މީހުންގެ އަބާދީއަށް ބޭނުންވާ ކާނާއާއި ބޭހަށް ދައްކަންޖެހޭ ފައިސާ ނުލިބިގެން އެގައުމުގެ ރައްޔިތުން މިހާރުދަނީ ބޮޑެތި ގޮންޖެހުންތައް ތަހައްމަލް ކުރަމުންނެވެ. ނަތީޖާއެއްގެ ގޮތުން، ތަކެތީގެ އަގު އިންތިހާއަށް އުފުލި، އާބާދީގެ ބޮޑުބައެއް ދަނީ ކަރަންޓާއި ނުލާ ގިނަ ވަގުތު ހޭދަ ކުރަމުންނެވެ.

މިހާރު ކުރިމަތި ވެފައިވާ އިގްތިސާދީ ކާރިސާގައި އެގައުމުގެ ސަރުކާރު ވެއްޓި، ބޮޑުވަޒީރު އިސްތިއުފާ ދެއްވާ، އާ ބޮޑުވަޒީރުކަމާއި ރަނިލް ހަވާލުވެ ވަޑައިގެންނެވީ ފާއިތުވެދިޔަ ހަފްތާގައެވެ.

”ކުރިޔަށް އޮތް މަސްތަކަކީ އަހަރެމެންގެ ހަޔާތުގައި ކުރިމަތިވާނެ އެންމެ ދަތި ދުވަސްތައް،“ ރަނިލް ވިދާޅުވެފައި ވެއެވެ. ”އަހަރެން އެއްވެސް ކަމެއް ފޮރުވާކަށް ނެތިން.“

އޭނާ އިތުރަށް ވިދާޅުވި ގޮތުގައި، ސްރީ ލަންކާގެ 1.4 މިލިއަން ސިވިލް ސާވަންޓުންނަށް އަންނަ މޭމަހު މުސާރަ ދޭނެ ފައިސާ އެގައުމުގައި ނެތް ކަމަށާއި، އެހެންކަމުން އެންމެ ފަހުގެ ހައްލެއްގެ ގޮތުން އޭނާއަށް ޖެހިވަޑައިގަންނަވާނީ ފައިސާ ޗާޕް ކުރަން ކަމުގައެވެ.

”އަހަރެންގެ އަމިއްލަ ޒަމީރު ތަން ނުދިނަސް، ދައުލަތުގެ މުވައްޒަފުންނަށް މުސާރަ ދިނުމަށާއި، އަސާސީ ޚިދުމަތްތަކަށް ފައިސާ ދެއްކުމަށް، ފައިސާ ޗާޕު ކުރުމަށް އަހަރެންނަށް މަޖުބޫރު ވެގެން ދާނެ،“ ބޮޑުވަޒީރު ރަނިލް އިތުރަށް ވިދާޅުބެފައި ވެއެވެ

ގުޅުންހުރި ލިޔުންތައް