ނޫސްވެރިން ދޮގު ޚަބަރު ފަތުރާ ވާހަކަ މަޖިލީސް މެމްބަރުން ދެއްކެވުމުން ޕީޕީއެމްގެ ޕީޖީ ލީޑަރު އަދި އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމު ފާޑުވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގައި މިއަދު ހެއްކާއި ބެހޭ ބިލަށް ބަހުސްކުރައްވަމުން ބައެއް މެމްބަރުން ވަނީ މަސްދަރު ހާމަކުރުން ލާޒިމު ކުރެވޭގޮތަށް އެ ބިލު ފަރުމާކޮށްފައިވަނީ ބައެއް ނޫސްތަކުން ގައުމީ ބޮޑެތި މައްސަލަތަކުގައިވެސް ހަގީގަތާކއި ޚިލާފު ވާހަކަތައް ފަތުރާތީ އެކަން ހުއްޓުވުމަށް، ނުވަތަ އެކަން ކަށަވަރުކުރުމަށްކަމަށް ވިދާޅުވެފައެވެ.
މެމްބަރުންގެ އެ ވާހަކަތަކާއި ގުޅިގެން ހިތްހަމަ ނުޖެހުން ފާޅުކުރައްވާ ސަލީމު ވިދާޅުވީ މަސްދަރު ހާމަކުރުން މަޖުބޫރު ކުރުވުމަކީ ބަހަނާއެއްކަމަށެވެ. އަދި އެފަދަ އެއްވެސް އުސޫލެއް ހެއްކާއި ބެހޭ ބިލުގައި އޮވެގެން ނުވާނެކަމަށް އޭނާ ވިދާޅުވިއެވެ.
ނޫސްވެރިން ދޮގު ޚަބަރު ފަތުރާކަަމަށް ތުހުމަތުކުރާއިރު، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަކީ ކިހާ ތެދުވެރިކަމާއެކު ވާހަކަދައްކަވާ ބައެއްތޯ އަމިއްލަ ނަފްސާއި ސުވާލުކުރަން ޖެހޭކަމަށް ސަލީމު ވިދާޅުވިއެވެ. އެއާއެކު އޭނާ ވަނީ ރައްޔިތުންގެ މަޖިލީސް މެމްބަރުންވެސް ރައްޔިތުންނަށް ހަގީގަތް އޮޅޭގޮތަށް ވާހަކަފުޅުތައް ދައްކަވާކަމަށް ތުހުމަތުކުރައްވާފައެވެ.
”މި މަޖިލީހުގައި ދައްކަނީ ތެދަށްތޯ ވާހަކަ؟ އަޅުގަނޑުމެން ނޫސްވެރިން ބައެއް އެއްޗެހި ގޯސްކޮށް ލިޔާ ވާހަކަ ދައްކާއިރު މި އިއްޒަތްތެރި މަޖިލީހުގައި ކިތައް މެމްބަރުންތޯ ތެދު ހަދައިގެން ވާހަކަދައްކަވަނީ؟ އަޅުގަނޑުމެން މިތަނަށް މި ގަވައިދު އިސްހާލުކުރަން ހުށައެޅިއިރުގައި، ތެދު ބަހުން ނޫން ގޮތަކަށް ވާހަކަ ނުދައްކަން ހުށައެޅީމާ އެ އިސްލާހުވސް ގައިމު ވަނީ ބޭރުކޮށްލާފަ. އެހެންވީމަ މިފަދަ ހާލުގައި، އަޅުގަނޑުމެން އެންމެ ފުރަތަމަ ތަބާވާން ޖެހޭ ބަޔަކީ މި އިއްޒަތްތެރި މެމްބަރުން ތެދުބަހުން ވާހަކަދައްކަން ދަސްކުރުން، އޭގެ ފަހުގައި ދެން ތިބި މީހުންނަށް އަޅުގަނޑުމެން ގޮވާލަން ޖެހޭނީ“
ހެއްކާއި ބެހޭ ގާނޫނަށް އިސްލާހު ހުށައަޅާފައިވަނީ، އެ ބިލު އޮތް ގޮތުން ނޫސްވެރިކަމަށް ހުރަސްއެޅޭތީ ނޫސްވެރިން ކަންބޮޑުވުން ފާޅުކޮށް ޕެޓިޝަނެއް ހުށައަޅާ ރައީސުލްޖުމްހޫރިއްޔާއަށް ހުށައެޅުމާއި ގުޅިގެންނެވެ.
ނޫސްވެރިންގެ މައިގަނޑު ކަންބޮޑުވުމަކީ މަސްދަރު ހާމަކުރުން މަޖުބޫރުކުރެވޭ ގޮތަށް އޮތް އޮތުމާއި ބިލުގައި ޓެރަރިޒަމްގެ ކުށްތައް ބަޔާންކޮށްދެވިފައި ނެތުމެވެ.
ނޫސްވެރިންގެ ކަންބޮޑުވުންތައް ހުށައަޅާފައިވަނިކޮށް ހެއްކާއި ބެހޭ ބިލު ތަސްދީގު ކުރެއްވުމަށްފަހު އަނެއްކާ އިސްލާހެއް ހުށައަޅާފައިވާއިރު، އެ އިސްލާހުގައި ވާގިތުން މަސްދަރު ހާމަކުރުމަށް ލާޒިމް ކުރެވޭނީ ހައިކޯޓަށެވެ.
މިހާރު އެ ބިލު ހުށައަޅާފައިވާގޮތުން ނޫސްވެރިންގެ ހުރި ކަންބޮޑުވުންތަކަށް މާބޮޑު ފަރުވާއެއް ނުލިބޭނެކަން ރައްޔިތުންގެ މަޖިލީހުގައި އެ ގާނޫނަށް އިސްލާހު ގެނައުމާއި ދެކޮޅު މެމްބަރުން ގެންދަވަނީ ފާހަގަކުރައްވަމުންނެވެ.