އެއްޖިންސައް ތާއީދުކުރި މެޗް އިޑްރީސާ ގޭ ނުކުޅުނު.
ދެންމެ | 17 މެއި 2022
އެއްޖިންސުން ގުޅުން ހިންގާ މީހުންނަށް ތާއީދުކޮށް، އެމީހުންނާއި އެކީ ވާކަން ދެއްކުމަށްޓަކައި، ވިއްސާރަދުނީގެ ކުލަތަކުން ޖާރޒީ ނަންބަރު ޖަހާފައިވާ ޖާރޒީ ލައިގެން ޕީއެސްޖީން ކުޅުނުމެޗުގައި ބައިވެރިވާން އެޓީމުގެ ހުނަރުވެރި މިޑްފީލްޑަރު އިޑްރީސާ ގޭ އިންކާރުކޮށްފިއެވެ.

ހޮނިހިރުދުވަހު ފްރާންސްގައި، އެ ގައުމަށް ނިސްބަތްވާ ޓީމެއް ކަމަށްވާ މޮންޕެލިއޭ އާއި ދެކޮޅަށް ޕީއެސްޖީން ކުޅުނު މެޗުގައި، އެ ޓީމު ނުކުތީ އެއްޖިންސުން ގުޅުންހިންގާ މީހުން އެމީހުންގެ ރަމްޒެއްގެ ގޮތުގައި ގެންގުޅޭ ވިއްސާރަދުނީގެ ކުލަތަކުން ޖާރޒީ ނަންބަރު ޖަހާފައިވާ ޖާރޒީއެއްގައެވެ.

މިއީ މެއި 17 ގައި ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ އެއްޖިންސުން ގުޅުން ހިންގުމަށް ނަފްރަތުކުރާ މީހުންނާއި ދެކޮޅަށް އަޑުއުފުލައި އެއްޖިންސުން ގުޅުންހިންގާ މީހުންނާއި އެކު ވާކަން އަންގައިދިނުމަށް ފާހަގަކުރާ ދުވަހާއި ގުޅިގެން ނިމިދިޔަ ހަފްތާ ބަންދުގައި ހިންގުނު ހަރަކާތްތަކަށްވާއިރު، މި ދުވަސް ފާހަގަކުރުމުގެ ގޮތުން ނިމިދިޔަ ހަފްތާ ބަންދުގައި ފްރާންސްގެ ހުރިހާ ކުޅުންތެރިންހެން ކުޅުނު މެޗުތަކުގައި ލައިފައިވަނީ އެއްޖިންސުން ގުޅުން ހިންގާ މީހުންނަށް ސަޕޯޓް ކުރާކަން އަންގައިދޭ ޓީޝާޓު ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

އެގޮތުން ވިއްސާރަދުނީގެ ކުލަތަކުން ޖާރޒީ ނަންބަރު ޖަހާފައިވާ ޖާރޒީގައި ޕީއެސްޖީ ކުޅުނު މެޗުގައި 0-4 ގެ ނަތީޖާއިން އެ ޓީމު މޮޅުވެފައިވާއިރު، މެޗު ނިމުމުން އެ ޓީމުގު ކޯޗު ދިން އިންޓަވިއުއެއްގައި ނޫސްވެރިއެއް އިޑްރީސާ ގޭ އެ މެޗުގައި ބައިވެރިނުވި ސަބަބު އޮޅުން ފިލުވުމަށް އެހި ސުވާލުގެ ޖަވާބެއްގެ ގޮތުން ކޯޗު ބުނީ، “ އޭނާ (އިޑްރީސާ ގޭ) މެޗުގައި ބައިވެރިނުވީ ޕާސަނަލް ސަބަބު ތަކަކާއިހުރެ. އޭނާގެ އެއްވެސް އެންޖަރީއެއް ނެތް“ ކަމަށެވެ. އެހެންނަމަވެސް އެ ސަބަބަކީ ކޮބައިކަމެއް ކޯޗު ހާމަކޮށްދީފައެއް ނުވެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ނިމިދިޔަ އަހަރުގައިވެސް ކުޅެވުނު އެފަދަ މެޗެއްގައި އިޑްރީސާ ގޭ ބައިވެރިވެފައެއް ނުވެއެވެ. އެ މެޗުގައި އޭނާ ބައިވެރިނުވި ސަބަބެއް ކަމުގައި ޕީއެސްޖީން ބުނީ، އެއީ އޭނާ ގޭސްޓްރިކް ވެގެންކަމަށެވެ. ކަންމިހެން ހުރުމުން، ގިނަ ބަޔަކު ބުނަމުން އަންނަނީ، އިޑްރީސާ ގޭ، އެ މެޗްތަކުގައި ބައިވެރިވެފައި ނުވަނީ އޭނާ އަކީ މުސްލިމެއް ކަމަށްވެފައި އެފަދަ ކަންކަމަކީ ދީން ހުއްދަ ކުރާ ކަމަށް ނުވާތީ ކަމަށެވެ. މި ސަބަބާއި ހުރެ ހުޅަނގުގެ ބައެއް ފަރާތްތަކުން އިޑްރީސާ ގޭ އަށް ފިއްތުންތައް ކުރިމަތި ކުރުމަށް ގޮވާލަމުން ދާއިރު ގިނަ ބައެއް ދަނީ އޭނާއަށް ތައުރީފްވެސް ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!