ޔުކުރޭންގައި އެމެރިކާއިން ބައޮލޮޖިކަލް ހަތިޔާރު އުފައްދާ: ޕުޓިން
ދެންމެ | 17 މެއި 2022

ޔޫކްރެއިންގައި ހުރި އެމެރިކާގެ ބަޔޯލެބޯޓަރީތަކުން ބަޔޮލޮޖިކަލް ސާމާނު އެއްކޮށް ތަފާތު ބަޔޮލޮޖިކަލް ހަތިޔާރުތަކުގެ ދިރާސާތައް ކުރަމުންދާ ކަމަށް ރަޝިއާގެ ރައީސް ވްލެޑްމިއަރ ޕުޓިން ވިދާޅުވެއްޖެއެވެ.

ކޮލެކްޓިވް ސެކިއުރިޓީ ޓްރީޓީ އޯގަނައިޒޭޝަން (ސީއެސްޓީއޯ) ގެ އަހަރީ ދުވަހުގެ މުނާސަބަތުގައި މޮސްކޯގައި އޮތް ކޮންފެރެންސެއްގައި ވާހަކަފުޅުދައްކަވަމުން ޕުޓިން ވަނީ އެމެރިކާއިން ބޭރުގެ ގައުމުތަކުގައި ޤާއިމުކޮށްފައިވާ ލެބްތަކުގެ ފަހަތުގައި ވަނީ ޕެންޓަގަން ކަމަށް ވިދާޅުވެފައެވެ.

ޕުޓިން ވަނީ އެމެރިކާއިން ޔޫކްރެއިންގައި ގިނަ އަދަދެއްގެ ބަޔޯ ލެބްތައް ޤާއިމުކޮށްފައިވާ ކަމަށާއި މިލެބްތަކުން މަސައްކަތްކުރަނީ ޕްރެކްޓިކަލް ސިއްޙީ އެހީ ފޯރުކޮށްދޭން ނޫން ކަމަށް ވިދާޅުވެފައެވެ. އަދި މި ލެބްތަކުގެ މައިގަނޑު މަސައްކަތަކީ ތަފާތު ބަޔޮލޮޖިކަލް ސާމާނު އެއްކޮށް ނުރައްކާތެރި ބަލިތައް ފެތުރޭ ގޮތްތައް ދިރާސާކުރުން ކަމަށް ޕުޓިން ވިދާޅުވިއެވެ.

ޔޫކްރެއިންގައި ރަޝިއާއިން މިހާރު ކުރިއަށްގެންދާ ޚާއްސަ އޮޕަރޭޝަންގައި އެމެރިކާއިން ޔޫކްރެއިންގައި، ރަޝިއާގެ ބޯޑަރާ ކައިރި ސަރަހައްދެއްގައި ބަޔޮލޮޖިކަލް ހަތިޔާރު އުފައްދާކަމުގެ ލިޔެކިޔުންތަކެއް ލިބިފައިވާ ކަމަށް ޕުޓިން ވިދާޅުވިއެވެ.

މިއަހަރުގެ މާޗު މަހު ރަޝިއާއިން ވަނީ އެމެރިކާގެ ޑިޕާޓްމެންޓް އޮފް ޑިފެންސްގެ ބެލުމުގެ ދަށުން ހިންގާ 30 ބަޔޮލޮޖިކަލް ލެބޯޓަރީގެ މައުލޫމާތު އާންމުކޮށްފައެވެ. މި ލެބޯޓަރީތަކަކީ ބަޔޮލޮޖިކަލް ހަތިޔާރު އުފެއްދުމުގެ މަސައްކަތްކުރާ ތަންތަން ކަމަށް ބެލޭވޭކަމަށް ވަނީ ފާހަގަކޮށްފައެވެ.

ރަޝިއާއިން ހޯދި ލިޔެކިޔުންތަކުގައި ވާގޮތުން ފެބްރުއަރީ 24 ވަނަ ދުވަހު ޔޫކްރެއިންގައި އެޤައުމުގެ ޚާއްސަ މިލިޓަރީ އޮޕަރޭޝަން ފެށުމާއެކު، ލެބްތަކުގައި ހުރި ބަލި ފެތުރޭ ނުވަތަ އުފެއްދޭ ސާމާނުތައް ނައްތާލުމަށް އަންގާފައިވެއެވެ.

ހޯމަ ދުވަހު، ރަޝިއާގެ ފެޑެރޭޝަން ކައުންސިލްގެ ޑެޕިއުޓީ ސްޕީކަރު ވަނީ ޔޫކްރެއިންގައި ހިންގާ ބަޔޮލޮޖިކަލް ލެބޯޓްރީތައް ތަހުޤީޤުކުރުމަށް އެކުލަވާލާފައިވާ ޕާލިމެންޓަރީ ކޮމިޝަނަށް އެމެރިކާ އާއި ޔޫކްރެއިން ގުޅިގެން އދ ގެ ބަޔޮލޮޖިކަލް ވެޕަންސް ކޮންވެންޝަނާ ޚިލާފުވެފައިވާކަން ހޯދިފައިވާކަމަށް ވިދާޅުވެފައެވެ. އދ ގެ ފްރޭމްވޯކްގެ ދަށުން މިކަމުގެ ބައިނަލްއަޤުވާމީ ތަހުޤީޤެއް ކުރަން ރަޝިއާއިން ވިސްނާފައިވާ ކަމަށްވެސް އޭނާ ވިދާޅުވެފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!