ފުލުހުންނަށް އަނިޔާކޮށް ވަކި އެޅި މީހަކު ޖަލައްލައިފި.
ދެންމެ | 17 މެއި 2022

މީގެ ފަސް އަހަރު ކުރިން އައްޑޫ ސިޓީ ހިތަދޫ ޒިޔާރަތް ފަންނު ސަރަހައްދުގައި ހަރަކާތްތެރިވި ފުލުހުން ހިފެހެއްޓި މީހަކު އެ ފުލުހުންނަށް އަނިޔާކުރި މައްސަލާގައި އެ މީހާ އެއް އަހަރާއި ތިން މަހާއި 17 ދުވަހަށް ޖަލަށް ލާން ހުކުމް ކޮށްފި އެވެ.

ޖުލައި 19، 2015 ގައި ފުލުހުންނަށް އަނިޔާ ކުރި ހިތަދޫ، އައްޒާ، މުބާރިކް މުހައްމަދުގެ މައްޗަށް ދައުލަތުން ދެ ދައުވާއެއް އުފުލި އެވެ. އެއީ އަނިޔާ ކުރުމުގެ ދައުވާގެ އިތުރަށް ބިރު ދެއްކުމުގެ ދައުވާ އެވެ.

އޭނާއަށް ކުރި ދައުވާގައިވާ ގޮތުން ޖުލައި 19، 2015 އަށް ފުލުހުން އެ ސަރަހައްދަށް ދަނީ ތޫނު ހަތިޔާރެއް ހިފަައިގެން މީހަކު އުޅޭ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިގެންނެވެ.

އެ ސަރަހައްދުން މުބާރިކް އަތުލައިގަނެ ފުލުހުންގެ ބެލުމުގެ ދަަށަށް ގެންދަން އުޅުމުން، ޕޮލިސް ކޯޕްރަލް ޝަޒަން އިބްރާހީމް މުހައްމަދުގެ ދަށްބަނޑުގައި ޖަހައި ކަނާތު މުލައްދަނޑީގައި ވަކި އަޅާފައިވާ ކަމަށް ދައުވާގައިވެ އެވެ. އަދި ކޯޕްރާލް އިބްރާހިމް ޝަރީފްގައި ބަނޑުގައި ފައިން ޖަހައި، ކޮންސްޓަބަލް ހުސައިން ރާޒީގެ އަތުގައި ވަކި އަޅާފައިވާ ކަމަށް ވެސް ދައުވާގައިވެ އެވެ.

ދައުވާ ރައްދުވާ މުބާރިކް ދައުވާއަށް އިންކާރު ކުރުމުން ދައުލަތުން ވަނީ އަނިޔާ ލިބުނު ތިން ފުލުހެއްގެ އިތުރުން ސީންގައި އޭރު އުޅުނު އިތުރު ތިން ފުލުހެއް ހެކިންގެ ގޮތުގައި ހުށަހަޅައިފަ އެވެ. އަދި ޝަރީއަތަށް އެ ފުލުސް އޮފިސަރުން ވަނީ ހެކިބަސް ދީފައިވެ އެވެ.

ހެކިތަކަށް ރިއާޔަތްކޮށް އަނިޔާ ކުރުމުގެ ދައުވާ ސާބިތުވެއްޖެ ކަމަށް ކަނޑައަޅައި އިއްވީ ނުވަ މަހާއި 18 ދުވަހު ޖަލަށް ލުމަށް ހުކުމް ކުރުމަށެވެ. އެއިން ތަންފީޒު ކުރަން ޖެހެނީ ނުވަ މަހާއި 17 ދުވަހެވެ.

މީގެ އިތުރަށް ހަ މަސް ދުވަހުގެ ތެރޭގައި 24،000 ރުފިޔާގެ ޖޫރިމަނާއެއް ދެއްކުމަށާއި 897 ގަޑިއިރު (ގާތްގަނޑަކަށް 37 ދުވަސް) އަށް މުޖުތަމައަށް ހިދުމަތް ކުރަން ވެސް ހުކުމްކޮށްފައިވެ އެވެ.

ބިރު ދެއްކުމުގެ ދައުވާ އުފުލީ ކޯޕްރާލް ޝަޒަން އިބްރާހީމް މުހައްމަދު މަރާލާނެ ކަމަށް ސީންގައި މުބާރިކް ބުނެފައިވާތީ ކަމަށް އެ ދައުވާގައި ބުނެފައިވެ އެވެ. އެ ދައުވާ ވެސް ދައުލަތުގެ ހެކިންނަށް ރިއާޔަތްކޮށް ސާބިތުވާ ކަމަށް ކަނޑައަޅައި ހަ މަސް ދުވަަހަށް ޖަލަށް ލާން ހުކުމް ކޮށްފައިވެ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!