ސިމާޒަށް ހަމަލާ ދިނީ ނަހްލާއެއް ނޫން: ގާސިމް
ދެންމެ | 19 ނޮވެމްބަރ 2022

ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝިމާޒް އަލީ އަށް މިރޭ މަގުމަތިން ބަޔަކު ދިން ހަމަލާގައި ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރު އަދި ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު އައިޝަތު ނަހުލާގެ އެއްވެސް ބައިވެރިވުމެއް ނޯނާނެ ކަމަށް އެ ޕާޓީން ބުނެފި އެވެ.

ކޮރަޕްޝަންގެ މައްސަލަތަކެއްގައި ޝިމާޒު ހިމެނޭ ކަމަށް ތުހުމަތުކުރެވިގެން އޭނާގެ މައްސަލަ ޓްރާންސްޕޯޓް މިނިސްޓްރީން ދަނީ ތަހުގީގު ކުރަމުންނެވެ. އެ މައްސަލަތަކުގެ ތެރޭގައި ގަވާއިދާ ހިލާފަށް ވެހިކަލް ރަޖިސްޓްރީކޮށްދިން ކަމަށް ތުހުމަތުވާ މައްސަލަތަކެއްވެސް ހިމެނެ އެވެ.

މި މއްސަލަތައް ތަހުގީގު ކުރަމުން ދަނިކޮށް ޝިމާޒަށް ހަމަލާދީފައިވާ އިރު، މިދިޔަ ހަފުތާގެ ތެރޭގައި ބަޔަކު ވަނީ އޭނާގެ ސައިކަލަށް ވެސް ގެއްލުންދީފަ އެވެ. އަދި އޭނާ އަށް ވަނީ އިންޒާރުދީ މެސެޖު ކޮށްފަ އެވެ. އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ޝިމާޒަށް ހަމަލާދިން މައްސަލައާ މިނިސްޓަރު ނަހުލާއާ ގުޅުމެއް އޮތް ކަމަށް ދެއްކެވޭ ވާހަކަތަކަށް ރައްދު ދެއްވައި ޖުމްހޫރީ ޕާޓީގެ ސްޕޯކްސްޕާސަން އަލީ ސޯލިހު ”މިހާރު“ އަށް މިރޭ ވިދާޅުވީ ޝިމާޒަށް ހަމަލާ ދިނުމަކީ އެ ޕާޓީން ވެސް ކަންބޮޑުވާ ކަމެއް ކަމަށެވެ.

އެކަމުގައި ނަހުލާގެ ބައިވެރިވުން އޮތް ކަމަށް ދެއްކެވޭ ވާހަކަތައް އޭނާ ދޮގުކުރެއްވި އެވެ. ޖޭޕީ އަކީ އެއްވެސް އިންސާނަކަށް އަނިޔާ ދިނުމަށް ބާރުއަޅާނެ ޕާޓީއެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.

”ގާސިމް ވެސް ވިދާޅުވީ އަޅުގަނޑުވެސް އަދި އާއިލާގެ އެއްވެސް ޝާމިލް ވުމެއް ނޯނާނެ ކަމަށް މި ހަމަލާގެ ފަހަތުގައި. މިނިސްޓަރު ނަހުލާގެ ވެސް އެއްވެސް ބައިވެރިވުމެއް ނޯނާނެ. މިއީ ޒާތީ ގޮތުން އަބުރު ކަތިލުމަށް ފަތުރާ ދޮގު ހަބަރެއް،“ ޖޭޕީ އާ ހަވާލާދީ އަލީ ސޯލިހު ވިދާޅުވި އެވެ.

ޝިމާޒް ’މިހާރު‘ އަށް އޭރު ވިދާޅުވި ގޮތުގައި ވެހިކަލް ރަޖިސްޓްރޭޝަނާއި ޓްރާންސްޕޯޓް މިނިސްޓްރީ ތެރޭގައި ހިނގާ އެހެން މައްސަލަތަކުގެ ތުހުމަތު އެޅުވިޔަސް ގާނޫނާއި ގަވާއިދާ ޚިލާފަށް އެއްވެސް ކަމެއް ކުރައްވާފައި ނޯންނާނެ ކަމަށާއި ހުރިހާ ޒިންމާއެއް އަދާކުރައްވަނީ މިނިސްޓަރަށް އެނގިވަޑައިގެން ކަމަށެވެ. މަގާމުގެ ނުފޫޒު ބޭނުންކޮށްގެން، ރާއްޖޭގައި ދުއްވާ ހުރިހާ ވެހިކަލްތަކުގެ ނަމްބަރު ޕްލޭޓް ބަދަލުކުރަން ވަސާޖިއޯ ނަމަކަށް ކިޔާ ކުންފުންޏާ ހަވާލުކުރި މައްސަލައިގައި އެމްއާރުއެމްއިން ވެސް އޭނާގެ މައްސަލަ ބެލި އެވެ. އެކަމަކު ޕާޓީން އޭނާއާ މެދު ފިޔަވަޅެއް ނާޅަން ނިންމީ ޕީޖީން ދައުވާނުކޮށް މައްސަލަ އަނބުރާ އޭސީސީއަށް ފޮނުވާލުމުންނެވެ. ޝިމާޒަށް ދިން ހަމަލާ އޭނާ ނިސްބަތްވާ ޕާޓީ، އެމްއާރްއެމް އިން ވަނީ ކުއްވެރިކޮށްފައި އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!