ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވޯލްޑްކަޕްގެ މެޗެއް ބައްލަވަން ވަޑައިގެންފާނެ ކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ސަރުކާރުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ ވޯލްޑްކަޕްގެ މެޗެއް ބައްލަވައިލުމަށް ވަޑައިގަތުމަށް ޤަތަރުގެ އަމީރުގެ ދައުވަތެއް ރައީސް ސޯލިހަށް ލިބިވަޑައިގެންފައިވާ ކަމަށެވެ. އެހެން ކަމުން ސެމީ ފައިނަލް ނޫނީ ފައިނަލް މެޗު ބައްލަވާލައްވަން ރައީސް ވަޑައިގެންފާނެ ކަމަށް މިއުވާން ވިދާޅުވިއެވެ.
އެހެން ނަމަވެސް އޭގެ އިތުރު ތަފްސީލެއް މިއުވާން ނުދެއްވައެވެ.
ވޯލްޑްކަޕްގައި މިހާރު ކުރިއަށްދަނީ ގުރޫޕް ސްޓޭޖުގެ މެޗުތަކެވެ. ސެމީ ފައިނަލް އަދި ފައިނަލް މެޗު އޮންނާނީ މިމަހުގެ މެދުތެރޭގައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް ސޯލިހު މިހާރު ދަނީ ޤަތަރަށް ވަޑައިގަންނަވަން ތައްޔާރުވަމުންނެވެ. އަދި އެ ދަތުރުފުޅަށްވެސް މިލިއަނަކާއި ގާތަށް ފައިސާ ހަރަދުވާނެ ކަމަށް ލަފާކުރެވެއެވެ.
ރައީސް ސޯލިހް މީގެ ކުރިން ވިދާޅުވި ގޮތުގައި އެމަނިކުފާނަކީ ވަރަށް ދަތުރުކުރާހިތްވާ ބޭފުޅެކެވެ.