ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރުގެ ސްލޫކީ މައްސަލައިގައި ޖޭއެސްސީގެ ސުލޫކް ކޮމެޓީން ތަހްގީގްގައި ސްޕްރީމް ކޯޓުގެ އަންހެން ދެ މުވައްޒަފުންނާއި ނުބައި ގޮތަކަށް މޮށޮނު މައްސަލައެއް ފެންމަތި ވެއްޖެ އެވެ.
އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި އެ އަންހެން ދެ މުވައްޒަފުން ޖޭއެސްސީގެ ސުލޫކް ކޮމެޓީއަށް ހާޒިރުކޮށް ފަޑިޔާރު މަހާޒާއި ދެކޮޅަށް ބަޔާން ދިނުމަށް ބާރު އަޅާފައިވާ ކަމަށް ވެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ސުލޫކް ކޮމެޓީން ބޭނުންވާ ގޮތަށް އެ ދެ އަންހެން މުވައްޒަފުން ބަޔާން ނުދިނުމުން އެ މުވައްޒަފުން ވަކި ގޮތަކަށް ބަޔާން ދިނުމަށް ސްޕްރީމް ކޯޓުން އަންގާފައިވޭތޯ ވެސް ކޮމެޓީން ވަނީ ސުވާލު ކޮށްފަ އެވެ.
ޖޭއެސްސީގެ ސުލޫކް ކޮމެޓީގައި ހިމެނިވަޑައިގަންނަވާ ތިން މެމްބަރުން ވަނީ އަންހެން ދެ މުވައްޒަފުންނާއި ބޭއަދަބީ ގޮތުން ކޮށް މިހާތަބުކޮށް އެ ދެ އަންހެން މުވައްޒަފުން ލަދުގަންނަވާލުމަށް ވެސް މަސައްކަތްކޮށްފައި ކަމަށް މައުލޫމާތު ލިބެ އެވެ.
ސުލޫކް ކޮމެޓީގައި ހިމެނެނީ އަމިއްލަ މައްސަލަ އަމިއްލައަށް ބެލި މެޖިސްޓްރޭޓް އަލީ ސަރީފާއި ޖޭއެސްސީގެ ނައިބް ރައީސް މަސްތޫރާއި މެމްބަރު މާނިއު އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރުގެ ސުލޫކީ މައްސަލެއް ބަލަނީ ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްޤައްޔޫމްގެ ފަރާތުން ދެއްވި ފަރިއްކޮޅެއްގައި ބައިވެރިވިކަމަށް ތުހުމަތުކޮށެވެ. އެހެންނަމަވެސް ފަހާޒު ވަނީ ޖޭއެސްސީގެ ތުހުމަތު މުތުލަގަށް ދޮގުކޮށްފަ އެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ބުނީ, ސުޕްރީމް ކޯޓުން ބެލި އިސްތިއުނާފަކާމެދު އެ ކޯޓުން ހުކުމް ކުރި ގޮތާ ގުޅިގެން އެކަން ފާހަގަކުރުމަށް، އެ އިސްތިއުނާފުގައި ހިމެނޭ ޚަޞްމަކާ ގުޅުން އޮންނަ ފަރާތަކުން ފޮނުވި ފަރީއްކޮޅު، އެ ޝަރީއަތް ހިންގުމުގައި ބައިވެރިވި ފަނޑިޔާރު މަހާޒު އަލީ ޒާހިރު ޙަވާލުވެވަޑައިގެންފައިވާ ކަމަށް ބުނާ މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ.
މަހާޒު އަލީ ޒާހިރާ ގުޅޭ ގޮތުން ހުށަހެޅި އެ މައްސަލަ ބަލަން ފެންނަ ކަމަށް ޖޭއެސްސީގެ ތަހުގީގު ކޮމެޓީން ވަނީ ނިންމާފައެވެ. ނަމަވެސް އެއީ ކޮން މައްސަލައެއް ކަމެއް ހާމަކޮށްފައެއް ނުވެއެވެ.
އެނގިފައިވާ ގޮތުގައި މަހާޒު އަލީ ޒާހިރުއާ ގުޅޭ ގޮތުން ޖޭއެސްސީއަށް ހުށަހަޅާފައިވަނީ, ޔާމީންގެ މައްޗަށް އިއްވި ހުކުމް ބާތިލް ކުރުމަށް ސުޕްރީމް ކޯޓުން ނިންމުމުން އޭނާގެ ފަރާތުން ފޮނުވި ފަރިއްކޮޅެއް ބައްލަވައިގެންފައިވާތީ އެ މައްސަލައެވެ.
ކްރިމިނަލް ކޯޓުން ރައީސް ޔާމީންގެ މައްޗަށް އިއްވި ޖަލު ހުކުމް ހައި ކޯޓުން ތާއިދުކޮށްފައި ވަނިކޮށް ސުޕްރީމް ކޯޓުން ވަނީ އެ ހުކުމް ބާތިލްކޮށް އެމަނިކުފާނު މިނިވަންކޮށްފައެވެ. ސުޕްރީމް ކޯޓުން އެ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނަވަނީ ފަނޑިޔާރު މަހާޒް އަލީ ޒާހިރުއެވެ.