ރާއްޖޭގައި އެންމެ ފުރަތަމަ ފައިބަރ އޯޕަން އެކްސަސް ނެޓްވޯކެއް ގާއިމް ކުރި ފަންބޮނޑި މޯލްޑިވްސް އިން ތ. ދިޔަމިގިލީ އޯޕަން އެކްސަސް ނެޓްވޯކެއް ގާއިމް ކުރުމަށް އެރަށު ކައުންސިލާއި އެކު އެއްބަސްވުމެއްގައި ސޮއިކޮށް އަމަލީ މަސައްކަތް ފަށައިފި އެވެ.
ދިޔަމިގިލީގައި ކައުންސިލްގައި ބޭއްވި ރަސްމިއްޔާތުގައި ފަންބޮނޑީގެ ފަރާތުން ސޮއިކުރީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މަސްއޫދު ހިލްމީ އެވެ. އަދި ދިޔަމިގިލީ ކައުންސިލްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރީ ކައުންސިލް ރައީސް އަހުމަދު މޫސާ މަނިކެވެ.
ދިޔަމިގިލީ ކައުންސިލް ރައީސް މަނިކު ވިދާޅުވީ ބަވަނަ ވަމުންދާ ދުނިޔޭގައި އިންޓަރނެޓަކީ ދިރިއުޅުމުގެ އަސާސީ ހިދުމަތެއް ކަމަށާއި ފައިބަރ ނެޓްވޯކެއް އެރަށުގައި ގާއިމްވެގެން ދިއުމަކީ ތަރައްގީއަށް ހުޅުވިގެންދާ ދޮރެއް ކަމަށެވެ.
ފަންބޮނޑިން އެންމެ ފުރަތަމަ މިފަދަ ނެޓްވޯކެއް ގާއިމްކޮށްފައި ވަނީ ވިލުފުށީގަ އެވެ. ބަންބޮނޑީގެ މި ނެޓްވޯކްގައި މިހާރު ވެސް ރާއްޖޭ އެންމެ ބޮޑު މުއާސަލާތީ ދެކުންފުނި، އުރީދޫ އާއި ދިރާގުން ވެސް ހިދުމަތް ފޯރުކޮށްދެމުން ގެންދެ އެވެ.
ފައިބަރ އޯޕަން އެކްސެސް ނެޓްވޯކްތަކަކީ ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި ވެސް މުއާސަލާތީ ވަސީލާތްތައް ފޯރުކޮށްދިނުމަށް ބޭނުން ކުރާ އިންފްރާސްޓަކްޗަރ ނިޒާމެކެވެ.