ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލް ހައްޔަރު ކޮށްފި
ދެންމެ | 18 މެއި 2022

އިންޑިއާ އައުޓް ހަރަކާތް ހިންގުމުގައި އެންމެ އިސްކޮށް އުޅުއްވާ ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށި ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއިލް ހައްޔަރުކޮށްފި އެވެ.

މީގެއިރުކޮޅެއް ކުރިން މުހައްމަދު އިސްމާއިލް ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުންނެވެ.

މުހައްމަދު އިސްމާއިލްގެ އިތުރުން ޕީޕީއެމްގެ އެކްޓިވިސްޓެއް ކަމަށްވާ އަލީ ނަސީމް (ތަކަނޭ) ވެސް ފުލުހުން މިއަދު ވަނީ ހައްޔަރުކޮށްފަ އެވެ.

ފުލުހުން ބުނީ އިންޑިއާ އައުޓް ނަމުގައި ކުރިއަށް ގެންދާ އެއްވުންތަކާއި ރެލީތައް ބޭއްވުމުގައި އާއި އާންމުކޮށް ފެންނާނެހެން އިންޑިއާ އާއި ދެކޮޅުކަން ހާމަވާފަދަ ގޮތަކަށް، އިންޑިއާގެ ގައުމީ ދިދައިގެ ކުލަތަކާއި ނިޝާން ބޭނުންކޮށްގެންނާއި، އިންޑިއާ އައުޓް އަދި އިންޑިއާ އައުޓް ރަމްޒު ވާނޭހެން ލިޔެގެން ބެނާތަކާއި ކުރެހުންތައް އަދި ލިޔުންތައް ތައްޔާރުކޮށް އެތަކެތި މާލެއާއި ރާއްޖޭހެ އެކި ސަރަހައްދުތަކަށް ފޯރުކޮށްދީ އެ ހަރަކާތް ރާވާ ހިންގާ ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. ނަމަވެސް ހައްޔަރުކުރި މީހުންގެ އުމުރު ފިޔަވާ އެ މީހުންނާ ގުޅޭ މައުލޫމާތު ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.

 

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޭބުމަށް ގޮވާލައި އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ކުރިއަށް ގެންދާ އިންޑިއާ އައުޓް ހަރަކާތާ ގުޅޭ އެއްވުންތަކާއި ދަތުރުތައް ރޭވުމުގައި އެންމެ އިސްކޮށް އުޅުއްވާތީ ފެންނަނީ މުހައްމަދު އިސްމާއީލް އެވެ.

 

އިންޑިއާ އައުޓް ހަރަކާތަކީ ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ހިމާޔަތް ކުރުމުގެ މަގުސަދުގައި ކުރިއަށް ގެންދާ ހަރަކާތެއް ކަމަށް ވިދާޅުވެ އެ ހަރަކާތުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަށްވެސް އެކި އެއްވުންތަކާއި ބައެއް ޓީވީ ޝޯ ތަކުގައިވެސް މުހައްމަދު އިސްމާއީލް ގޮވާލައްވާފައިވެ އެވެ.

މާލޭގެ އެކި އިމާރާތްތަކާއި ބައެއް މަގުތަކުގައި ސްޕްރޭ ކޮށްގެން އިންޑިއާ އައުޓް ޖެހި މީހަކު ވެސް ފުލުހުން އިއްޔެ ވަނީ ހައްޔަރުކޮށްފަ އެވެ.

އިންޑިއާ އައުޓް ހަރަކާތަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ކަނޑައަޅުއްވައި އެ ހަރަކާތް ހުއްޓުވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ނެރުއްވި ގަރާރެއްގައި ވަނީ ދައުލަތުގެ އިދާރާތަކަށް އަމުރުކުރައްވާފަ އެވެ.

ރައީސްގެ ގަރާރާ ގުޅިގެން ފުލުހުން ގެންދަނީ އިންޑިއާ އައުޓް ހަރަކާތާ ގުޅޭ ކަންކަން ހުއްޓުވުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން މާލެއާއި އަތޮޅު ތެރޭގެ އެކި އިމާރާތްތަކުގައި ދަމާފައިވާ އިންޑިއާ އައުޓް ބެނާތައް ނަގައި، ބެނާތައް ދަމާފައިވާ އިމާރާތްތަކުގެ ވެރިން ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ސުވާލުވެސް ކުރަމުންނެވެ.

އިންޑިއާ އައުޓް ހަރަކާތް ހުއްޓުވަން ސަރުކާރުން ކިތަންމެ ވަރަކަށް މަސައްކަތް ކުރި ނަމަވެސް އެ ހަރަކާތް ހުއްޓުވާ ނުލެވޭނެ ކަމަށް އިދިކޮޅު ކޯލިޝަނުން ގެންދަނީ ތަކުރާރުކޮށް ބުނަމުންނެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!