އެމްޑީޕީއަށްޓަކައި ދޮޅު ލިޓަރު ލޭ އޮހޮރުވާލިން: ރިކޯ މޫސަ
ދެންމެ | 23 ޑިސެމްބަރ 2022

އެމްޑީޕީ އަށްޓަކާ ދޮޅު ލީޓަރު ލޭ ހޭދަކުރި ކަމަށް އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކު ވިދާޅުވި އެވެ.

އެމްޑީޕީން ރޭ ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަދައްކަމުން މޫސަ ވިދާޅުވީ އެމްޑީޕީގައި އޭނާ އަށް ވުރެ ބޮޑު ގުރުބާނީއެއް ވީ މީހަކު އެކަކަށް ބަލާއިރު މަދު ނުވާނެ ކަމަށާއި އޭނާ ނޫނީ ގައިން ދޮޅު ލީޓަރު ލޭ އެމްޑީޕީ އަށްޓަކާ ހޭދަކުރި މީހަކު ނުހުންނާނެ ކަމަށެވެ.

”އަޅުގަނޑު ނޫނީ ނުހުންނާނެ ގައިން ދޮޅު ލީޓަރު ލޭ މި ގައުމަށްޓަކާ، މި ޕާޓީއަށްޓަކާ ހޭދަކުރި މީހެއް އަނިޔާކޮށްގެން.“ މޫސަ ވިދާޅުވި އެވެ.

މޫސަ ވިދާޅުވީ އެމްޑީޕީގެ މަސައްކަތެއް އޭނާ ފަށައިފިނަމަ އެކަން ކޮޅެއްގައި ޖެހެންދެން މަސައްކަތް ކުރައްވާނެ ކަމަށެވެ. އެގޮތުން ކުރިއަށް އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ކޮންމެ ފަރާތެއް ވާދަކުރި ނަމަވެސް ބޮޑު ތަފާތުން ރައީސް ސޯލިހު ކާމިޔާބު ކުރައްވާނެ ކަމަށްވެސް މޫސަ ވިދާޅުވި އެވެ.

ޕްރައިމަރީ ބޮޑު ތަފާތަކުން ރައީސް ސޯލިހަށް ކާމިޔާބުކޮށްދޭން ބޭނުން ވަނީ އެއްވެސް ހާލެއްގައި ދެން ޕްރައިމަރީގައި ވާދަކުރައްވާ ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް، މުހައްމަދު ނަޝީދަށް ދައްކަން ނޫން ކަމަށާއި އެއީ ޕާޓީގެ ތެރޭގައި ރައީސް ސޯލިހަށް އޮތް ތާއީދު ދައްކާލުމުގެ ގޮތުން ކަމަށް މޫސަ ވިދާޅުވި އެވެ.

މީގެއިތުރުން ބޮޑު ތަފާތަކުން ޕްރައިމަރީ ކާމިޔާބު ކުރުމަށްފަހު 2023ގެ ރިޔާސީ އިންތިހާބު ވެސް އެމަނިކުފާނު ކާމިޔާބު ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ފޯރި ގަދަވެފައިވާއިރު، ޕްރައިމަރީގައި ވާދަކުރެއްވުމަށް ނަޝީދު އިއްޔެ ވަނީ ފޯމު ހުށަހަޅުއްވާފަ އެވެ. ޕްރައިމަރީގައި ވާދަކުރަން ފޯމު ހުށަހެޅުމުގެ ސުންގަޑި މާދަމާ އަށް ހަމަވާނެ އެވެ. ޕްރައިމަރީ އޮންނާނީ އަންނަ މަހުގެ 28 ގަ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!