ދެކުނު އެފްރިކާގައި ދިވެހި އެމްބަސީއެއް ހުޅުވަން ނިންމައިފި
ދެންމެ | 18 މެއި 2022

ދެކުނު އެފްރިކާގައި ފުރަތަމަ ފަރަހަށް ދިވެހި އެމްބަސީއެއް ގާއިމު ކުރަން ސަރުކާރުން ނިންމައިފިއެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު އެކަން އިއުލާނު ކުރެއްވީ، ދެކުނު އެފްރިކާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު، ސެންޑިލް އެޑްވިން ޝޯކް، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސްއާ ހަވާލު ކޮށްދެއްވުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.

އިއްޔެ މެންދުރު ކުރީގައި ރައީސް އޮފީހުގައި ބޭއްވި އެ ރަސްމިއްޔާތަށްފަހު، ރައީސް ވަނީ ދެކުނު އެފްރިކާ ސަފީރަށް ތަހުނިޔާ ވިދާޅުވެފައެވެ.

އެ ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ދެކުނު އެފްރިކާއަކީ ދިވެހިރާއްޖެއަށް މުހިންމު ބައިވެރިއެއްކަމުގައި ދެކިވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ. އަދި ދެ ގައުމުން ވެސް ޝައުގުވެރިވާ ދާއިރާތަކުން އިތުރަށް ގުޅުން ބަދަހިކުރައްވާނެކަމުގައި ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ، ދެކުނު އެފްރިކާގައި ދިވެހިރާއްޖޭގެ އެމްބަސީއެއް ގާއިމްކުރުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކާ ބެހޭގޮތުން މަޝްވަރާ ކުރައްވާފައެވެ.

އެ އެމްބަސީ ހުޅުވަން ހަމަޖެހިފައި ވަނީ ދެކުނު އެފްރިކާގެ ޕްރިޓޯރިއާގައި ކަން ރައީސް ފާހަގަކުރެއްވިއެވެ.

އެ އެމްބަސީ ވެގެންދާނީ މުޅި އެފްރިކާ ބައްރުގައިވެސް ދިވެހި އެމްބަސީއެއް ގާއިމްކުރާ ފުރަތަމަ ފަހަރުކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ.

ދެކުނު އެފްރިކާ ސަފީރު ދެއްކެވި ވާހަކަފުޅުގައި ވެސް، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ.

ދިވެހިރާއްޖެއާއި ދެކުނު އެފްރިކާއާ ދެމެދު ޚާރިޖީ ގުޅުން ގާއިމުކުރީ 27 ޖުލައި 1994 ވަނަ އަހަރުއެވެ

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!