ރައީސުލްޖުމްހޫރިއްޔާ އައްޔަންކޮށްފައި ތިބޭ މަގާމުތަކުގައި ތިއްބަވާ ބޭފުޅުން ރައީސާ ދެކޮޅަށް ނިކުންނަނަމަ އެންމެ ރިވެތި އުސޫލަކީ މަގާމުން އިސްތިއުފާ ދެއްވުންކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.
ރޮޒައިނާ މިހެން ވިދާޅުވެފައި މިވަނީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ރައީސް ނަޝީދުގެ ކެމްޕެއިނާ ގުޅިވަޑައިގަތުމާއި ގުޅިގެން ޓްވިޓަރގައި ހިނގި ބަހުސެއްގައި ދެއްކެވި ވާހަކައެއްގައެވެ.
ޓްވީޓަރގައި ހަސަން ކުރުސީގެ ނަމުގައި ހިންގާ މަޝްހޫރު އެކައުންޓަކުން ރޮޒައިނާއަށް އިޝާރާތްކޮށް ކުރި ޓްވީޓެެއްގައި ބުނީ އަމްރު ސަރުކާރާއި ދެކޮޅަށް ނިކުންނެވިނަމަވެސް އޭނާ މަގާމުން ވަކިކުރަން ސަރުކާރުގައި ތިއްބެވި ބޭފުޅުންނަށް ކެރިވަޑައި ނުގަންނަވާކަމަށެވެ. އަދި އެއީ އަމްރުގެ ތަޖުރިބާއާއި އިލްމުގެ ބޭނުން އެމްޑީޕީ ސަރުކާރަށް މުހިއްމުވާތީކަމަށްވެސް ކުރުސީގެ އެކައުންޓުން ކުރި ޓްވީޓުގައި ބުންޏެވެ.
އެ ޓްވީޓްގެ ރައްދުގައި ރޮޒައިނާ ވިދާޅުވީ އަމްރަކީ އެކަމަނާ އައްޔަންކުރި ބޭފުޅެއް ނޫންކަމަށާއި އަމްރު މަގާމަށް އައްޔަންކުރީ ރައީސުލްޖުމްހުރިއްޔާކަމަށެވެ. އަދި ރީތީ އުސޫލަކީ ރައީސުލްޖުމްހޫރިއްޔާ އައްޔަންކޮށްފައި ތިބޭ މަގާމުތަކުގައި ތިއްބަވާ ބޭފުޅުން ރައީސާ ދެކޮޅަށް ނިކުންނަނަމަ މަގާމުން އިސްތިއުފާ ދެއްވުންކަމަށްވެސް ރޮޒައިނާ ވިދާޅުވިއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ފޯރިގަދަވެފައިވާއިރު ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުން ދަނީ ރައީސް ސާލިހާ ދެކޮޅަށް، ނަޝީދަށް ކެމްޕެއިން ކޮށްދީ ނަޝީދުގެ ކެމްޕޭންގައި ބައިވެރިވަމުންނެވެ.