ސިރާޖާ ނުލާ ވެސް ފޮނަދޫގެ ވޯޓު އިރާދަފުޅާއި އެކު އަޅުގަނޑަށް ލިބޭނެ: ނަޝީދު
ދެންމެ | 22 ޖެނުއަރީ 2023

ރައްޔިތުން މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖުގެ ތާއިދު ނެތި ވެސް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ލ. ފޮނަދޫ ވޯޓުތައް އެމަނިކުފާނަށް ލިބޭނެ ކަމަށް ޕްރައިމަރީގައި ވާދަކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު އެގޮތަށް ވިދާޅުވީ މިއަދު ހެނދުނު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަމާޒުވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ސިރާޖު ވަނީ ނަޝީދުގެ ފެކްޝަން ދޫކުރައްވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއިދު ކުރައްވާ ކަން މިދިޔަ ބުރާސްފަތި ދުވަހު ހާމަކުރައްވައިފައެވެ.

ނަޝީދު މިއަދު ވިދާޅުވީ އެއް އިރެއްގައި ވެސް ސިރާޖު އެމަނިކުފާނާއެކު ހުންނެވި ކަމަށް ވިދާޅުވެފައި ނުވާ ކަމަށެވެ. އަދި ކަންކަން ހިނގާ ގޮތް ބައެއް ބޭފުޅުންނަށް ވަރަށް ބޮޑަށް އޮޅުން އަރާ ކަމަށް ވިދާޅުވިއެވެ.

އެގޮތުން ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް (ދޮން ބިލެތް) ރައީސް ސޯލިހްގެ ފަޅިއަށް އައި ކަމަށް ދެކެވުނު ވާހަކަތަކުން ވެސް ހައިރާންވެ ވަޑައިގެންނެވި ކަމަށް ވިދާޅުވިއެވެ. އަދި ހަލީމްއަކީ ވިހެއީއްސުރެ ވެސް އެެމަނިކުފާނާ އެކު އުޅުއްވި ބޭފުޅެއް ކަމަށް ނަޝީދު ވިދާޅުވިއެެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭން ފެށި ފަހުން ބައެއް މެންބަރުން ވަނީ ކުރިން ތިއްބެވި ފަޅި ބަދަލު ކުރައްވައިފައެވެ. އެގޮތުން ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުލްލަތީފް ރައީސް ސޯލިހަށް ކުރެއްވި ތާއިދު އަނބުރާ ގެންދަވައި ނަޝީދަށް ތާއިދު ކުރައްވަން ވަނީ ފައްޓަވައިފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!