“ ޝަރީއަތުގެ ކުރީ މަރުހަލާގައި ނިންމާނިންމުމެއް ހަމަ އެޝަރީއަތުގެ ފަހު މަރުހަލާގައި އެހެން ގޮތަކަށް ނިންމުމުން އެގާޒީއެއްގެ ސިއްހީ ހާލަތާއި ތައުލީމީ ފެންވަރާއި މެދު ސުވާލު އުފެދޭ އަދި ގާޒީ ކަމުގައި ބަހައްޓަން އެކަށީގެންވޭ ތޯ ބަލައި ފިޔަވަޅު އަޅަން ޖެހޭ.“
ދިޓީވީ މަސްއޫދަށް ހަމަލާދިން މައްސަލާގައި ސަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމުގެ މައްސަލާގައި މެޖިސްޓްރޭޓް ހުކުމްކުރި ގޮތާއި މުޅިން ހިލާފަށް ފަަހު މަރުހަލާގައި މައްސަލަ ނިންމި ހުކުމް އޭނާ ވަނީ ކޮށްފަ އެވެ. އެއް ޝަރީއަތެއްގައި އެއް ހެކިތަކެއްގެ މައްޗައް އަލީ ޝަރީފް ދެ ގޮތަށް ހުކުމް ކުރީ އެވެ.
ދިހަ މެމްބަރުންގެ މައްޗައް އެކުލެވޭ ޖުޑީޝަލް ޝާރވިސް ކޮމިޝަންގެ ދަށުކޯޓުތައް ތަމްސީލް ކުރާ ފަނޑިޔާރުންގެ ތެރެއިން އެކޯޓުތަކުން އިންތިހާބްކޮށްފައިވާ މެޖިސްޓްރޭޓް އަލީ ޝަރީފްގެ މައްސަލަ އެކޮމިޝަނަށް ހުށަހެޅި ތަހްގީގް ކުރެވެމުންދާ އިރު، ނަޒާހަތްތެރި ގަދަރުވެރި ގޮތަކީ އަމިއްލަ ފުޅަށް މަގާމުން އެކަހެރިވުމެވެ. އަދި މިފަދަ ތަހްޒީބް ނަޒާހަތްތެރި ގޮތް އެމަނިކުފާނަށް ވިސްނި ވަޑައިނުގެންފިނަމަ ދެންތިއްބެވި މެމްބަރުން އޭނާ ސަސްޕެންޑްކޮށް ކޮމިޝަނުގެ ގަދަރު ހިފެހެއްޓުން ބޮޑުތަނުން މުހިއްމެވެ.
ޖޭއެސްސީ އަކީ މުޅި ފަޑިޔާރުގޭގެ ގަދަރާއި ކަރާމާތް ގުޅިފައި މުއައްސަސާ ކަމަށްވާއިރު އެ ކޮމިޝަނުގައި ހިމެނިވަޑައިގަންނަވާ މެމްބަރެއްގެ މައްސަލަ ހުށަހެޅި ތަހްގީގް ކުރެވެމުންދާ އިރު އެ މެމްބަރެއް ސަސްޕެންޑް ނުކުރެވި މައްސަލަ ބެލިގެންދިއުމަކީ ސުވާލު އުފެދޭނެ އެތައް ކަމެއް ސާމީލް ވެގެންދާނެ ކަމެކެވެ.
ޒުވާން ވިޔަފާރިވެރިޔާ އަދި މީޑިޔާ ކައުންސިލްގެ ކުރީގެ މެމްބަރު މަސްއޫދު ހިލްމީ އަށް ދަގަނޑުބުރިއަކުން ހަމަލާދިން ވީޑިއޯ އާއްމްވެފައި ވީނަމަވެސް ސަރީއަތުގައި ލ. ފޮނަދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް އަލީ ޝަރީފް ވަނީ ދައުލަތުން ހުށަހެޅި ހުރިހާ ހެއްކެއް ކަހަލަ ގޮތަކަށް ބޭރުކޮށް، އެކަން ސާބިތު ނުވާކަމަށް ހުކުމް ކުރުމާއި ގުޅިގެން އޭނާގެ މައްސަލަ ވަނީ އޭނާ މެމްބަރުކަން ވެސް ކުރައްވާ ޖޭއެސްސީއަށް ހުށަހަޅާފަ އެވެ.
ކުރީގެ ޕްރޮސްކިއުޓަރ ޖެނެރަލް އަދި ކުރިމިނަލް ކޯޓުގެ ގާޒީކަން ވެސް ކޮށްފައިވާ މުހްތާޒް މުހުސިނުގެ އެޑަވަކަސީ ޗެމްބަރގެ ފަރާތުން ހުށަހެޅި މައްސަލައިގައި ބުނެފައި ވަނީ ލ. ފޮނަދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް އަދި ޖޭއެސްސީގެ މެމްބަރު އަލީ ޝަރީފް ފަޑިޔާރުކަމުގައި ބަހައްޓަން އެކަށީގެން ނުވާފަދަ ގާނޫނާއި ހިލާފް އަމަލެއް ހިިންގާފައިވާކަމަށެވެ.
މިދިޔަ މަހުގެ 21 ވަނަ ދުވަހު އަލީ ޝަރީފް އިއްވެވި ހުކުމް މީޑިޔާތަކަށް ތިލަވެގެން ދިއުމާއި ރައްޔިތުންގެ ސުއޫރުތައް އުތުރި އަރައިގެން ދިޔައީ ލޫތުގެފާން ގައުމުގެ މީހުން ޝަރީއަތް ކޮށް އުޅުނު ގޮތުގެ ވާހަކައިން ނެވެ.
ވީޑިއޯ އިންނާއި ހުށަހެޅިފައިވާ ހެކިތަކުން ސާފްކޮށްފެންނަށް އޮތް މައްސަލައެއް މިފަދަ ބޭއިންސާފުން ހުކުމްކުރުމުން ގިނަ ބަޔަކު ތިބީ އަންތަރީސްވެފަ އެވެ. އަދި މި އަންތަރީސްވުން އިތުރުވެގެން ދިޔައީ އެހުކުމް ކުރި އަލީ ޝަރީފަކީ ޖޭއެސްސީގެ މެމްބަރެއް ކަން ރައްޔިތުންނަށް އިނގުނީމަ އެވެ.
ފަޑިޔާރުނުންނާއި މެދު ފިޔަވާޅުއެޅުމަށް އުފައްދާފައިވާ ޖޭއެސްސީގެ މެމްބަރެއް މިފަދަ އަމަލެއް ހިންގުމުން ސަރުއީދާއިރާގެ އިންސާފްވެރިކަމާއި މެދު ރައްޔިތުންގެ ހިތުގައިވަނީ އެތައްސުވާލެއްއުފެދިފަ އެވެ.