ހިޔާލު ފާޅުކުރުމުގެ ނަމުގައި ދެން ހުރި މީހާގެ ހައްގަށް އަރައިގަންންނަންޏާ ސަރުކާރަށް އެކަމާއި މެދު ވިސްނަން މަޖުބޫރުވާނެކަމަށް ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު މިހެން ވިދާޅުވެފައި މިވަނީ ރައީސް ސާލިހަށް ތާއީދުކުރާ ފަރާތްތަކުން ކެމްޕެއިންއަށް ރަށްރަށަށް ދިއުމުން އެ ފަރާތްތަކުގެ މަސައްކަތައް ހުރަސް އަޅައި، ޖެއްސުން ކުރުމުގެ މަސައްކަތްތައް އެހެން ސިޔާސީ ފަރާތްތަކުން ހިންގަމުންދާ ދަނޑިވަޅެއްގައެވެ.
އއ.މާޅޮހުގައި މިއަދު ބޭއްވި ކެމްޕެއިން ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ ހިޔާލު ފާޅުކުރުމާއި އެއްވެ އުޅުމަކީ އެމަނިކުފާނު ވެރިކަމަށް އައިއިރު ބޮޑު ބިރެއްގެ ގޮތުގައި އޮތްކަމެއްކަމަށެވެ. ނަމަވެސް މި ސަރުކާރުން ވެރިކަމަށް އައިސް ހުރިހާ މިނިވަންކަމެއް އެއްވެސް ހިފެހެއްޓުމެއް ނެތި ދޫކޮށްލިކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ބައެއް ފަރާތްތަކުން ހިޔާލު ފާޅުކުރުމުގެ ހައްގުގެ މިނިވަންކަމުގެ ނާޖާއިޒު ފައިދާ ނަގަމުންދާކަމަށެވެ. އަދި އެކަންކަމާއި ސަރުކާރުން ވިސްނަވާނޭކަމަށްވެސް ރައީސް ވިދާޅުވިއެވެ.
”މީގެ ބޭނުން ހިފާއިރު ވިސްނަންޖެހޭ. އުފުލާ އަޑެއް ނުވަތަ ފާޅުކުރާ ހިޔާލު ވެގެން ނުވާނެ ޖެހިގެން ހުރި މީހާގެ ކަންފަތުގެ ތޫރި ފޫއަޅުވާލާ އެއްޗަކަށް. އެހާ ހިސާބަށް ދިއުމުން ދެން ޖެހޭނީ ވެރިކަމުގައި ތިބޭ ބަޔަކު އެކަމާއި ދޭތެރޭ ވިސްނާން.“ ރައިސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެއްވެސް ވަރަކަށް ހިޔާލު ފާޅުކުރުމަށް ހުރަސް އަޅަން މި ސަރުކާރުން ބޭނުންނުވާކަމަށެވެ. އަދި ޝުއޫރު ފާޅުކުރަންވީކަމަށާއި އެހެންނަމަވެސް އެހެން މީހުންނަށް ދުއްތުރާ އަކަށް ވެގެންނުވާނެކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އިދިކޮޅު ފަރާތްތަކުންވެސް ކުރިއަށްދާންވީކަމަށާއި އެ ބޭފުޅުންގެ އަޑު އަހަން ސަރުކާރަށް ކެރޭނެކަމަށެވެ. އަދި އެކަން ހުއްޓުވާކަށްވެސް ސަރުކާރުން މަސައްކަތް ނުކުރާނެކަމަށެވެ. އެކަމަކު އެހެން މީހުންވެސް ސިޔާސީ ހަރަކާތް ހިންގުމަށް ފުރުސަތު ދޭންވާނެކަމަށް ރައީސް ވިދާޅުވިއެވެ.
Ad