ޔޫކްރެއިންގެ އަސްކަރިއްޔާއިން ރަޝިޔާގެ ސަރަހައްދަށް އަރާފާނެތަ؟
ދެންމެ | 19 މެއި 2022

ޔޫކްރެއިން ސިފައިންގެ ބޫޓުތަކުގެ އަޑު ރަޝިޔާގެ ފަސްގަޑުގައި ގުގުމައިފި ނަމަ، ނުވަތަ ޔޫކްރެއިނުން އިސްވެ ރަޝިޔާއަށް އަރައިފިނަމަ އެކަން ވެގެންދާނީ ރަޝިޔާ ސަރުކާރަށް ވަރަށް ލަދުވެތި ކަމަކަށެވެ. އަދި ރަޝިޔާއިން މިހާރު ކުރިޔަށްގެންދާ ހަމަލާތައް ދިނުމުގައި ހަރަކާތްތެރިވާ ސިފައިންގެ މިސްރާބު ބަދަލުކޮށް އެދިމާލަކަށް ފޮނުވުމުގެ ފުރުސަތު އޮންނާނެއެވެ. ރަޝިޔާ ޔޫކްރެއިން ހަގުރާމައިގައި މިހާތަނަށް ހުރިހާ ގެއްލުމެއްވެސް ލިބިފައިވަނީ ޔޫކްރެއިންގެ ސަރަހައްދުތަކަށެވެ. އެހެންކަމުން ޔޫކްރެއިން އަސްކަރިއްޔާއިން ރަޝިޔާއަށް އެރުމަށް ހަރަކާތްތެރިވެއްޖެ ނަމަ ހަނގުރާމައިގައި މިހާރު ހަރަކާތްތެރިވާ ޔޫކްރެއިން ސިފައިންގެ ހިއްވަރު އާވެގެންދާނެއެވެ.

އަނެއްކޮޅުންބަލާއިރު ޔޫކްރެއިން ސިފައިން ރަޝިޔާގެ ބަޔެއް ނަމަވެސް ހިސޯރު ކުރުމަށް މަސައްކަތް ކުރުމަކީ ހެދޭ ބޮޑު ގޯހަކަށް ވުންވެސް ވަރަށް ގާތެވެ. މިފަދަ ކަމަކަށް ކުރިމަތިލައިފި ނަމަ ޔޫކްރެއިންގެ އަސްކަރީ ގާބިލްކަން ނުވަތަ ބާރު އެއްކޮށް ނެތިގެން ދާނެއެވެ. ރަޝިޔާއިން މިހާތަނަށްވެސް ބުނަމުން އަންނަނީ ޔޫކްރެއިން ހަނގުރާމަ އަކީ އަމިއްލަ ގައުމުގެ ދިފާއުގައި ކުރިޔަށް ގެންދާ އޮޕަރޭޝަނެއް ކަމަށެވެ. އެހެންކަމުން މިބުނާ ބުނުމަށް ބާރުދީ ރަޝިޔާއިން ކެމިކަލް ނުވަތަ ނިއުކްލިއަރ ހަތިޔާރު ބޭނުން ކުރުމާއި ދިމާލަށް ”ކޮއްޕާލެވޭ ކޮއްޕާލުމަކަށް“ ވެސް ވުން ގާތެވެ.

ޔޫކްރެއިން ސިފައިން ރަޝިޔާގެ ބަޔެއް ނަމަވެސް ހިސޯރު ކުރުމަށް މަސައްކަތް ކޮށްފިނަމަ ޔޫކްރެއިނަށް ލިބޭނެ އެންމެ ބޮޑު ގެއްލުމަކަށްވާނީ ހަނގުރާމަ ދިގުލައިގެންގޮސް ތިންވަނަ ބޮޑު ހަނގުރާމަޔަށް ބަދަލުވުމަށް ނޭދޭ ހުޅަނގުގެ ގައުމުތަކުގެ މަދާދާ ތާއީދު ޔޫކްރެއިނަށް ގެއްލުމެވެ.

މިހާތަނަށް ބަލާއިރު ޔޫކްރެއިނުން ރަޝިޔާއަށް ސިފައިންގެ ފައުޖުތައް ފޮނުވުމަށް ގަސްތު ކުރާކަން ނުވަތަ ނޫންކަން ސާފެއް ނޫނެވެ. ނަމަވެސް ޚާކިވް ވަށައިގެންދެވޭ ހަމަލާތައް ދިފާއު ކުރުމަށް ހަރަކާތްތެރިވާ ސިފައިން ކުރިޔަށް ޖެހި، ރަޝިޔާގެ ބޯޑަރާ ކައިރިޔަށް ޖަމާވެފައިވާ ކަމަށް ޔޫކްރެއިން ސަރުކާރުން ބުނެފައި ވެއެވެ. އަދި އިންވަކިކުރާ ބޯޑަރުގެ ތަނެއްގައި ޔޫކްރެއިން ދިދައިގެ ރީނދުލާ ނޫ ދަވާދުލާފައިވާ ތަނެއް ވަށައިގެން ސިފައިން ފަޚުރުވެރިކަމާއެކު ފޮޓޯ ނަގާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުކޮށްފައިވެއެވެ.

ޔޫކްރެއިންގެ ޚާކިވްއަކީ ރަޝިޔާ ޔޫކްރެއިން ބޯޑަރާ 26 މޭލު ދުރުގައިވާ ތަނަކަށް ވާއިރު ރަޝިޔާގެ ބެލްގޮރޮޑް ކިޔާ ސިޓީއަކީ ޚާކީވް އާއި 50 މޭލު ދުރުގައިވާ ތަނެކެވެ.

ކޮންމެއަކަސް މިހަނގުރާމައަކީ ކުރިން ވާނެ ގޮތެއް ލަފާކުރަން ނޭނގޭ ހަނގުރާމައެއް ކަމަށް ކަމާބެހޭ ތަޖުރިބާކާރުން ދަނީ ބުނަމުންނެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!