ފޮނަދޫ ދާއިރާގައި މެމްބަރު ސިރާޖަށް އޮތް ތާއީދު މިފަހަރު ޕްރައިމަރީ ވޯޓުން ރައީސް ސޯލިހަށް ފެނިގެންދާނެ ކަމަށް ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖް ވިދާޅުވެއްޖެ އެވެ.
ރައީސް ނަސީދު އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވެފައި ވަނީ މެމްބަރު ސިރާޖާ ނުލައިވެސް އެމަނިކުފާން ފޮނަދޫ ވޯޓު ކާމިޔާބު ކުރައްވާ ކަމަށް ވިދާޅުވުމާއި ގުޅިގެން ސިރާޖާއި ހަވާލާދީ އަރިސް ބޭފުޅަކު ވިދާޅުވީ ދާއިރާގެ ކަަންކަން ސަރުކާރުން މެމްބަރު ސިރާޖާއި ރައީސުލްޖުމްހޫރިއްޔާ ހަވާލުކޮށްފައި ވަނީ ފުރިހަމަ ބާރާއި އިހްތިޔާރާ އެކުގައި ކަމަށެވެ.
“ އަޅުގަނޑު މި ޕްރައިމަރީ އިންތިހާބު ބޮޑުތަނުން ރައީސް ސޯލިހަށް ކާމިޔާބު ކޮށްދޭނަން. ރައީސް ސޯލިހް ފޮނަދޫ ވޯޓު ބޮޑު ތަނުން ކާމިޔާބު ކުރާނެ ކަމާއި މެދު ސައްކެއް ނެތް.“ އޭނާ ވިދާޅުވި އެވެ.
ފެކްޝަން ވެފައިވާ އެމްޑީޕީގެ ރައީސް ނަސީދު ފަޅީގައި ހުންނެވި ސިރާޖް ނަސީދަށް އޮތް ތާއީދު އަބުރާ ގެނެސް ރައީސް ސޯލިހަށް ޕްރައިމަރީގައި ތާއީދުކުރުމަށް ނިންމަވާފައި ވަނީ ނިމިދިޔަ ހަފްތާގެ ތެރޭގަ އެވެ.
މެމްބަރު ސިރާޖް ވިދާޅުވީ ރައީސް ސޯލިހަށް ތާއީދު ކުރުމަށް ނިންމެވީ ފޮނަދޫ ދާއިރާގައި ރައީސް ސޯލިހަށް އޮތް ތާއީދު އިންތިހާއަށް ކުޑަވެފައިވަނިކޮށް ކަމަށާއި އެހެންނަމަވެސް މިދިޔަ މަދު ދުވަސްކޮޅުގައި ކުރެވުނު ބުރަ މަސައްކަތުން މިހާރު ރައީސް ސޯލިހަށް އޮތް ތާއީދު ބޮޑު ތަނުން އިތުރުވެފައިވާ ކަމަށެވެ. އަދި މިކަމުގެ ހެޔޮ ނަތީޖާ މިއަންނަ ހޮނިހިރު ދުވަހު ނަގާ ވޯޓުން ފެނިގެންދާނެ ކަމަށެވެ.