ހުރަވީ ބިލްޑިންގްގައި ހުރި ތަކެތި ނީލަން ކިޔަނީ.
ދެންމެ | 19 މެއި 2022

މީގެ 35 އަހަރު ކުރިން އިމާރާތްކުރި ހުރަވީ ބިލްޑިންގް ތަޅާލުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާތީ، އެ ތަނުގައި ހުރި ތަކެތި އަންނަ ހަފުތާގައި ނީލަން ކިޔަން ނިންމައިފި އެވެ.

ޕްލޭނިން މިނިސްޓްރީން މިއަދު ބުނީ ލަކުޑިފަތި ފުންޏާއި ލަކުޑި ބޮޑު ދޮރުފަތްތަކާއި ލަކުޑި ސިޑި އާއި ކަރަންޓު ނަރު ޖަންބޯ ފުންޏާއި ދަގަނޑު ޗެންޗޭނު ފަދަ ތަކެތި ނީލަން ކިޔުން އަންނަ އަންގާރަ ދުވަހުގެ ހެނދުނު 10:00 ގައި އޮންނާނެ ކަމަށެވެ.

އަމީރު އަހުމަދު މަގުން ރައީސް އޮފީސް ކުރިމަތީގައި ހުންނަ ހުރަވީ ބިލްޑިންގްގައި ފަހަކާ ޖެހެންދެން ވެސް ސަރުކާރުގެ ބައެއް އޮފީސްތައް ހިންގި އެވެ. އެކަމަކު އިމާރާތް ވަރަށް ބޮޑަށް ބާވެފައިވާތީ އެ ތަނުގައި މީގެ ކުރިން ހިންގި އޮފީސްތައް އެހެން ތަންތަނަށް ބަދަލުކުރުމަށް ފަހު، އިމާރާތް ވަނީ ހުސްކޮށްފަ އެވެ.

ސަރުކާރުން މިހާރު ދަނީ ހުރަވީ ބިލްޑިންގް ތަޅާލުމުގެ މަސައްކަތް ކުރަމުންނެވެ. އެ އަށް ފަހު، އެ ތަނުގައި ކުރާނެ ކަންތައްތައް ޕްލޭން ކުރަމުން އަންނަ ކަމަށް ޕްލޭނިން މިނިސްޓްރީން ބުންޏެވެ.

ހުރަވީ ބިލްޑިންގްގައި ހިންގާ އޮފީސްތައް ހުސްކޮށް، އެ އިމާރާތް ތަޅާލަން 2010 ވަނަ އަހަރު ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ވެސް ނިންމި އެވެ. އޭރު ނިންމީ އެ ތަނުގައި ޕާކެއް ހަދާށެވެ. އެކަމަކު، ހުރަވީ ބިލްޑިންގްގައި ހިންގަމުން އައި އޮފީސްތައް ބަދަލުކުރާނެ އެހެން އިމާރާތެއް ނެތުމުން އޭރު އެކަން ނުވީ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!