މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ ވަޒީފާއަށް ދިވެހިން ހޯދަން އިއުލާންކޮށްފި އެވެ.
އެމްޓީސީސީން ހޯދަން އިއުލާންކުރީ އެ ކުންފުނީގައި ކޮންސްޓްރަކްޝަން ލޭބަރުންގެ ގޮތުގައި މަސައްކަތް ކުރުމަށް ނަގާ 120 މުވައްޒަފުންނެވެ.
އެއީ ހަފްތާ އަކު ހަ ދުވަހު ދުވާލަކު އަށް ގަޑިއިރާއި ބާރަ ގަޑިއިރާ ދެމެދު ވަގުތު މަސައްކަތްކުރަން ޖެހޭ މި ވަޒީފާތަކުގެ މުސާރައިގެ ގޮތުގައި 10،300ރ. އާއި 13،700ރ. އާ ދެމެދުގެ މުސާރައެއް ލިބޭނެ ކަމަށް އެމްޓީސީީސީން ބުނެ އެވެ.
ވަޒީފާ ލިބޭ ފަރާތްތަކުން ވަޒީފާ އަދާކުރަން ޖެހެނީ އެމްޓީސީސީން ކަނޑައަޅާ ސައިޓެއްގަ އެވެ. އަދި އެ ސައިޓެއްގައި ހުރުމާއި ކެއުމާއި، ސްޓާފް މެޑިކަލް އިންޝުއަރަންސާއި ޕެންޝަން ސްކީމްގެ އިނާޔަތް ލިބޭނެ ކަމަށްވެސް އެމްޓީސީސީން ބުނެ އެވެ.
އެއް އަހަރު ދުވަހަށް ނަގާ އެ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރަށް ބެލުމަށް ފަހު މުއްދަތު އިތުރު ކުރާނެ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.
މި ވަޒީފާތަކަށް ޝައުގުވެރިވާ ފަރާތްތަކުން އައިޑީކާޑު ކޮޕީ އާއި ގުޅުންހުރި ލިޔުންތަކާއެކު، އެމްޓީސީސީގެ ހުޅުމާލެ ޓާމިނަލްގައި މާދަމާ ހަވީރު 4:00 އިން 8:00 އަށް ”ޖޮއިން އެމްޓީސީސީ“ގެ ނަމުގައި ކުރިއަށް ގެންދާ އޯޕަން ޑޭ އަށް ދިއުމަށް އެ ކުންފުނިން ވަނީ އެދިފަ އެވެ